އެމްޕީއެލް އިން ސައިކަލްތަކެއް ވަގަށް ބޭރުކުރި މައްސަލާގައި ހަތަރު މީހަކު ވަކިކޮށްފި

ރާއްޖެ އެތެރެކުރި ރޭސިން ސައިކަލްތަކެއް މާލޭގެ ވިޔަފާރި ބަނދަރަށް ބޭލުމަށް ފަހު، އެ ސައިކަލްތައް ދޯންޏަކަށް އަރުވައިގެން ވަގަށް ބޭރުކުރި މައްސަލާގައި އެމްޕީއެލްގެ ހަތަރު މީހަކު ވަޒީފާއިން ވަކިކޮށްފި އެވެ.


އެ ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ސައިކަލްތައް ބޭރުކުރި މައްސަލައާ ގުޅިގެން ހަތަރު މީހަކު ވަކިކުރުމުގެ އިތުރުން ހަތް މީހަކަށް އިންޒާރުދީ އަދި އެކަކު ޑިމޯޓްކޮށްފައިވާ ކަމަށެވެ. އެ ފިޔަވަޅުތައް އެޅީ މީގެ ދެ ހަފުތާ ކުރިން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"އެ ހުރިހާ ފިޔަވަޅުތަކެއް ވެސް އެޅީ މިތަނުގެ އެތެރޭގައި ތަހުގީގެއް ހިންގުމަށް ފަހު. އެ މައްސަލައާ ގުޅިގެން ފުލުހުން ވެސް ވަނީ ތަހުގީގެއް ހިންގާފައި،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ހަތަރު މީހުން ވަކިކުރީ އެކަމުގައި އެ މީހުންގެ އިހުމާލުވި ކަމަށް ތަހުގީގަށް ފާހަގަކުރެވިގެން ކަމަށެވެ. އަދި އިންޒާރުދީ، ޑިމޯޓްކޮށްފައި ވަނީ ޑިއުޓީއަށް ދޭން ޖެހޭ ސަމާލުކަން ނުދީ ފަރުވާކުޑަކުރި މީހުންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރޭސް ޖަހަން ބޭނުންކުރާ ތިން ސައިކަލް ބޭރުކޮށްފައި ވަނީ މިދިޔަ ރޯދަމަހުގެ ކުރިން، އެއް ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ސައިކަލްތައް ވަގަށް ބޭރުކުރި މައްސަލާގައި އޭރު އެ މީހުން ސަސްޕެންޑްކުރި ކަމަށް އެމްޕީއެލް އިން ބުނެފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެވަގުތު ޑިއުޓީގައި ތިބި ބައެއް ސެކިއުރިޓީންނާއި ކްލިއަރެންސް ސެކްޝަންގެ ޑިއުޓީގައި ތިބި ބައެކެވެ.

"ސީސީޓީވީން އެ ވަގުތު އެކަމުގައި އުޅެނިކޮށް ފެނުނު ބައެއް މުވައްޒަފުން ވެސް ވަނީ ސަސްޕެންޑް ކޮށްފައި. ސައިކަލްތައް ބޭރުކުރިކަން އަޅުގަނޑުމެންނަށް އެނގުމާ އެކު، އެ ދުވަހުން އެ ދުވަހަށް ފުލުހުންނަށް އެކަން ރިޕޯޓްކޮށް މައްސަލަ ވަނީ ތަހުގީގުކުރަން ފަށާފައި. އެކަން ބެލުމަށް އެމްޕީއެލް އިން ވެސް ވަނީ ޚާއްސަ ކޮމެޓީއެއް އެކުލަވާލާފައި،" އެމްޕީއެލްގެ ސީއީއޯ އިބްރާހިމް ހަލީމް އޭރު ވިދާޅުވެފައިވެ އެވެ.