އައްޑޫގެ އާ ހޮސްޕިޓަލް އަންނަ އަހަރުގެ މޭ މަހު ނިމޭނެ: ޑރ. މުއިއްޒު

އައްޑޫ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ)، ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާއިރު، އެ ޝްރޫއު އަންނަ މޭ މަހު ނިންމައި ޚިދުމަތް ދޭން ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.


ހައުސިން މިނިސްޓްރީން އައްޑޫގައި ހިންގާ މަޝްްރޫއުތައް ކުރިއަށް ގެންދާ ގޮތް ބެއްލެވުމަށް މިނިސްޓަރު މުއިއްޒު ކުރައްވާ ދަތުރުގައި ވަނީ އީސީސީގެ މަސައްކަތް ވެސް ބައްލަވައިފަ އެވެ.

މުއިއްޒު ވިދާޅުވީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަކަށް އީސީސީ ބަދަލުކޮށް ޚިދުމަތް ދޭން ފަށާއިރު، އެތަނުން މަތީ ފެންވަރުގެ ގިނަ ކަންކަން ރައްޔިތުންނަށް ލިބޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ޚާއްސަ ޕްރޮޖެކްޓް މެނޭޖްމަންޓް ޓީމަކުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

އައްޑޫގެ އާ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ހައުސިން މިނިސްޓަރު މުއިއްޒު މިއަދު ބައްލަވަނީ.--- ފޮޓޯ: ހައުސިން މިނިސްޓްރީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 17 ވަނަ ސާކް ސަމިޓް ބާއްވަން އިމާރާތް ކުރި އީސީސީ، ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރުގެ ސަރުކާރުން ހަވާލުކޮށްފައި ވަނީ އެލިއާ ކޮންސްޓްރަކްޝަނާ އެވެ. އެ ކުންފުންޏާ 161.8 މިލިއަން ރުފިޔާ އަށް މަޝްރޫއު ހަވާލުކުރީ ނޮވެމްބަރު 14، 2016 ގަ އެވެ. އެއީ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ނިންމައި ލަސްވެގެން މޭ 8، 2018 ގައި ސަރުކާރާ ހަވާލުކުރާ ގޮތަށެވެ.

މިއީ ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދީފައިނާ ލޯނުގެ އެހީގައި ހިންގާ މަޝްރޫއެކެވެ.