މުއައްސަސާތައް ހުރީ ހައިޖެކްކޮށްފައި: މައޫމޫން

މާދަމާ ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރާ އިރު، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ނިޒާމާއި މިނިވަން މުއައްސަސާތައް ވެސް ހުރީ ހައިޖެކް ކޮށްފައި ކަމަށާއި މިހާރު އޮތީ ޑިމޮކްރަސީގެ ނިޒާމެއްތޯ ސުވާލު އުފެދޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައުޔޫމް މިރޭ ވިދާޅުވި އެވެ.


އިދިކޮޅު ޕާޓީތަކުން މާފަންނު ކުނޫޒްގައި ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވީ ޑިމޮކްރަސީއަކީ ރައްޔިތުންގެ ވެރިކަން ކަމަށާއި އެ ނިޒާމް ހިނގަނީ ރައްޔިތުންގެ ކަންކަމާ ހަވާލުކުރަން ރައްޔިތުން އިންތިހާބުކުރާ ބަޔަކު މަސްއޫލުކޮށްގެން ކަމަށެވެ.

ރައީސް މައުމޫން މިއަދު ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ އާއި އެ މަނިކުފާނުގެ ނައިބާއި ރައްޔިތުންގެ މަޖިލީސް މެމްބަރުން ރައްޔިތުން އިންތިހާބު ކުރަނީ އެއްގޮތަކަށް ވެސް އެ ބޭބޭފުޅުންގެ އަމިއްލަ ޖީބު ތަނަވަސްކޮށް މުއްސަނދި ވާން ނޫން ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކަންކަން ހުރި ގޮތަށް ބަލާއިރު، ފެންނަނީ މެމްބަރުން މުއްސަނދިވެ، ބޮޑެތި މަހުޖަނުންނަށް ވާ ތަން ކަމަށް ވިދާޅުވި އެވެ.

"އެހެން ނަމަވެސް މި ވާ ގޮތަކީ އިންތިހާބު ކުރެވޭ މެމްބަރަކު އެ މެމްބަރެއްގެ މުއްދަތު ހަމަކުރައްވައި ފަސް އަހަރުކޮށްފައި ވަޑައިގަންނަވާ އިރު ނުވަތަ އޭގެ ކުރިން ވެސް ބަލާލާ އިރު މުޅިން ހާލަތު ބަދެލުވެފައިވާ ތަން. ފުރަތަމަ ވަޑައިގަންނަވާ އިރު ހުންނަވަނީ ވަރަށް އާދައިގެ މީހެއްގެ ގޮތުގައި. މާ ބޮޑު ފައިސާވެރި ކަމެއް މުދާވެރި ކަމެއް ގޯތިގެދޮރެއް ނެތް އާދައިގެ ބޭފުޅެއްގެ ގޮތުގައި ހުންނަވަނީ،" މައުމޫން ވިދާޅުވި އެވެ. "އެހެން ނަމަވެސް ދެ އަހަރު ތިން އަހަރު ފަހުން ބަލާލާ އިރު މި ހުންނަނީ ބޮޑު މަހުޖަނަކަށްވެފައި. ނުކުރައްވާ ވިޔަފާރީއެއް ނޯވޭ."

އެ މަނިކުފާން ވިދާޅުވީ އެފަދަ މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރަނީ ރައްޔިތުންނަށް ހިދުމަތްކޮށް، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމުގެ ބޭނުމުގައި ކަމަށެވެ.

"އެހެންވީމާ މިނިވަން އިންސާފުވެރި އިންތިހާބަކީ ވެސް ޑިމޮކްރަސީގެ ރުކުނެއް. ހަމައެއާ އެކު އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަކީ ވެސް ޑިމޮކްރަސީގެ ރުކުނެއް. މަދަނީ ހައްގުތައް ރައްކާތެރިކޮށް ދިނުމަކީ ވެސް ޑިމޮކްރަސީގެ ރުކުނެއް،" މައުމޫން ވިދާޅުވި އެވެ. "އެންމެންނާ މެދު ހަމަހަމަކަމާ އެކު އަދުލު އިންސާފުގެ އުސޫލުން ގާނޫނީ ހުކުމް ހިންގުމަކީ ވެސް ޑިމޮކްރަސީގެ ރުކުނެއް."

އެ މަނިކުފާން ވިދާޅުވީ ޑިމޮކްރަސީއެއް ފުރިހަމަ ވަނީ އެ ހުރިހާ ރުކުނެއް ވެސް ފުރިހަމަވެގެން ކަމަށާއި އެކަމަކު ރާއްޖޭގައި މިހާރު ކަންކަން ހިނގާ ގޮތަށް ބަލާ އިރު މި އުސޫލްތަކުން ކަންކަން ހިނގާތޯ ވިސްނާލަން ޖެހޭ ކަމަށެވެ.

"ބަލާލަން ޖެހޭ މިއަދު ރާއްޖޭގައި މި އޮތީ ޑިމޮކްރަސީއެއްތޯ؟ ރާއްޖޭގައި މި ހިނގަނީ ޑިމޮކްރެޓިކް ހުކުމްތޯ؟، މައުމޫން ވިދާޅުވި އެވެ.

ކުނޫޒްގައި މިރޭ ބެއްވި ޖަލްސާގައި ބައިވެރިވަޑައިގެންނެވި ބޭފުޅުންތަކެއް. ފޮޓޯ: ހުސައިން ވަހީދު

އެ މަނިކުފާން ވިދާޅުވީ ޑިމޮކްރަސީގެ ވާހަކަ ދައްކާ އިރު، ޖަލުގައި ބަންދު ކުރެވިފައިވާ އެ މަނިކުފާންގެ ދަރިކަނލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ވާހަކަ ވެސް ދައްކަން ޖެހޭ ކަމަށެވެ. އެގޮތުން ހުކުމަކާ ނުލައި، ފާރިސް ޖަލުގައި ހުންނަވާތާ މާދަމާ އަށް 60 ދުވަސް ވާނެ ކަމަށް ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ އިންސާފު ލިބޭނެކަމާ ދޭތެރޭ ޝައްކުތަކެއް ހުރީ ރާއްޖޭގެ ޝަރުއީ ދާއިރާގައި މިހާރު ކަންކަން ހިނގާ ގޮތުން ކަމަށެވެ. އެގޮތުން ކޯޓްތަކުގެ ބެންޗަށް ކުއްލި ކުއްލިއަކަށް ބަދަލު ގެނައުމަކީ ވިސްނާލަން ޖެހިފައި އޮތް ކަމެއް ކަމަށް ވިދާޅުވި އެވެ.

އެ މަނިކުފާން ވިދާޅުވީ ކަންކަން މިހެން ހުރި ނަމަވެސް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ކާމިޔާބުވާކަމުގެ އަލާމާތްތައް މިހާރު ފެންނަމުންދާ ކަމަށެވެ.

އެގޮތުން މުއައްސަސާތަކުން އަވަސް އަރުވާލައިގެން ކުރާ ކަންކަމުން މިހާރު ހެދެނީ ބޮޑެތި މޮޔަ ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން ޝަރުއީ ނިޒާމްގެ އިސްލާހަށް ގޮވައިލި 56 ވަކީލަކު ސަސްޕެންޑް ކުރުމަކީ އަވަސް އަރުވާލައިގެން ހަދާނެ ނަހަދާނެއެއް ނޭނގިގެން ކުރެވުނު ކަމެއް ކަމަށް ވިދާޅުވި އެވެ.

"...އަޅުގަނޑުމެން މި ކުރާ މަސައްކަތް މާތްﷲ ގެ ވާގިފުޅާ އެކު ވަރަށް އަވަހަށް ކާމިޔާބު ވާނެ ކަމުގެ އަލާމާތްތައް މިހާރު އެބަ ފެނޭ. އެހެންވީމާ އެއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް،" މައުމޫން ވިދާޅުވި އެވެ.