އދ. ގައި ނެގި ވޯޓުގައި ރާއްޖެ ބައިވެރިނުވުމުން ބޮޑެތި ފާޑުކިޔުންތަކެއް

ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގާ ގަތުލުއާންމުތަކާއި އިންސާނިއްޔަތާ ހިލާފު އަމަލުތަކާ ދެކޮޅަށް އދ. ގެ ޖެނެރަލް އެސެމްބްލީގެ އެޖެންޑާގައި ހިމެނުމަށް ނެގި ވޯޓުގައި ރާއްޖެ އިން ބައިވެރިނުވުމާ ގުޅިގެން އިދިކޮޅު ސިޔާސީ އިސް ބޭފުޅުން ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށްފި އެވެ.


ރައްކާތެރި ހައްގުގެ ދަށުން ގަތުލުއާންމުތަކާއި ހަނގުރާމައިގެ ކުށްތަކާއި ނަސްލު ނައްތާލުމާއި އިންސާނިއްޔަތާ ދެކޮޅު އަމަލުތައް ހުއްޓުވުމާ ގުޅޭގޮތުން އދ. ގެ ޖެނެރަލް އެސެމްބްލީގައި ނެގި ވޯޓު ފާސްވިއިރު، މިޔަންމާ ސިފައިން ގެންދަނީ އެ ގައުމުގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތަކެއް ހިންގަމުންނެވެ.

ވޯޓުގައި ރާއްޖެ އިން ބައިވެރިނުވި މައްސަލާގައި ސަރުކާރަށް ފާޑުކީ ބައެއް މީހުން ބުނި ގޮތުގައި މި ސަރުކާރަކީ ސައުދީ އަރަބިއްޔާ ނުވަތަ ޗައިނާގެ އަމުރަށް ތަބާވާ ގައުމެކެވެ. ސަބަބެއް ގޮތުގައި އެ މީހުން ފާހަގަކުރީ އދ. ގައި ނެގި ވޯޓުގައި ޗައިނާ އިން ދެކޮޅަށް ވޯޓު ދިނުމެވެ.

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު "މިހާރު" އަށް މިއަދު ވިދާޅުވީ 2005 ގައި ރާއްޖެ ބައިވެރިވެގެން ހެދި، "ރައްކާތެރި ކުރުމުގެ ހައްގު"ގެ ދަށުން ގިނަ ކަންތައްތަކެއް އެކުލަވާލިއިރު، ގައުމުތަކުގައި އެކި ނަސްލުތަކާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލްތައް ހުއްޓުވުމުގެ މައްސަލައިގައި އދ. ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަން ނެގި ވޯޓުގައި ރާއްޖެ ބައިވެރިނުވުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުންތަކެއް އެއްވުމެއްގައި. - ފޮޓޯ: މިހާރު

ޝާހިދު ވިދާޅުވި ގޮތުގައި ކުރިން އދ. ގައި ނެގި ވޯޓުތަކުގައި ރާއްޖެ އިން ގެންގުޅެފައިވަނީ ހަރުދަނާ ސިޔާސަތުތަކެކެވެ. އެކަމަކު، މުހިންމު އެ ސިޔާސަތު ސަރުކާރުން ނެތިކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިސްލާމީ ބޮޑެތި ގައުމުތަކާއި އަވައްޓެރި ގައުމުތަކުން ވެސް ވޯޓުގައި ބައިވެރިވި. މި ފާސް ކުރިއިރު، ރާއްޖެ އިން ހާޒިރުނުވުމަކީ ހިތާމަ ކުރާ ކަމެއް،" މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވި އެވެ.

ސަރުކާރުން ވޯޓުގައި ބައިވެރިނުވީ، އެކަމާ ޗައިނާ އިން ދެކޮޅުވުމުން ކަމަށް ބުނުމުގެ ޖާގަ އެބައޮތް ކަމަށާއި ޗައިނާގެ ނުފޫޒު ރާއްޖެއަށް ފޯރާފައިވާ ކަމަށް މާނަ ކުރުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި އެކަމާ ދެކޮޅަށް ވޯޓު ދިން ގައުމުތަކުން ގަބޫލު ކުރާ ގޮތުގައި ނަސްލު ނައްތާލަން ކިތަންމެ ވަރަކަށް އުޅުނަސް، އެއީ އެބައެއްގެ ދާހިލީ ކަމެކެވެ. އަދި ބޭރު ދުނިޔޭގެ ގައުމުތަކުން ގުޅިގެން އެ މައްސަލަ ހައްލު ކުރެވޭނެ ކަމަށް ބައެއް ގައުމުތަކުން ގަބޫލުނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ފުރަތަމަ ކްލިނިކަލް ސައިކޮލޮޖިސްޓް އަދި ނަފްސާނީ އިލްމުވެރިޔާ ޑރ. އައިޝަތު އަލީ ނާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވޯޓުގައި ރާއްޖެ އިން ބައިވެރިނުވުމަކީ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ތައްޔާރަށް ތިބި ދިވެހިންނަށް ކުރެވުނު މަލާމާތެއް ކަމަށެވެ. އަދި ވޯޓުގައި ރާއްޖެ އިން ބައިވެރިނުވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ވެސް ނާޒް ވިދާޅުވި އެވެ.

ނާޒް ކުރެއްވި ޓުވީޓު.

މިޔަންމާ ސިފައިންގެ އަނިޔާތަކާ ކުރިމަތިލާން ޖެހިފައިވާ ރޮހިންޖާގެ މުސްލިމުންނަށް އިންސާނިއްޔަތާ ހިލާފު އެތައް އަނިޔާތަކެއް ލިބެމުން ދާތީ ދިވެހިން ދަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އަދި މުސްލިމުންނަށް އެހީވުމަށް ބައެއް ރަށްރަށުގައި ވަނީ ފަންޑު ފޮށިތަކެއް ބަހައްޓައިފަ އެވެ.

ސަރުކާރަށް ފާޑުކީ ބައެއް މީހުން ބުނި ގޮތުގައި މުސްލިމް ގައުމުތަކުން ގަތުލުއާންމުތަކާ ދެކޮޅަށް ވޯޓު ދިންއިރު، ރާއްޖެ އިން ބައިވެރިނުވާން ޖެހޭ ސަބަބެއް ނެތެވެ. އެހެންވެ، މިކަމުން ވެސް މި ސަރުކާރުގެ ލާދީނީކަން ހާމަވެގެންދާ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި މިކަން ދިމާވީ އެމްޑީޕީގެ ވެރިކަމުގައިނަމަ، އެކަން ވަރަށް ލާދީނީ ކަމަކަށް ވާނެ ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރު އޮތްއިރު، އޭރު އިދިކޮޅަށް މަސައްކަތް ކުރެއްވި ބޭފުޅުން މިހާރު ކޮބައިތޯ އޭނާ ސުވާލު ކުރެއްވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ވޯޓުގައި ރާއްޖެ އިން ބައިވެރިނުވުން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. ސަރުކާރުން މިކަމުގައި އިތުރަށް "ކަން ދެއްކެން" ނޫޅުމަށް އޭނާ ގޮވާލެއްވި އެވެ. އަދި ރޮހިންޖާ މުސްލިމުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ރައީސް އަބްދުﷲ ޔާމީންގެ އެކުވެރި ޗައިނާ އިން ދެކޮޅު ހަދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދީނަށްޓަކައި މުހިންމުވީ ޗައިނާ އިން އަޅާ ބްރިޖު،" އެހެން މީހަކު ޓުވިޓާގައި ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

މަހްލޫފް ކުރެއްވި ޓުވީޓު.

މިއަންމާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް އިތުރު ވެފައިވާ އިރު އެތައް ސަތޭކަ ބަޔަކު ކަތިލައި އެ މީހުންގެ ގެދޮރުގައި ދަނީ ހުޅުޖަހަމުންނެވެ. އަނިޔާވެރި އަމަލުތަކާ ހެދި އެތައް ހާސް ބަޔަކު ދަނީ ބަނގްލަދޭޝް އަށް ހިޖުރަ ވެސް ކުރަމުންނެވެ. ނަމަވެސް މި މީހުންނަށް އެހީވުމުގައި ވެރިންނާއި ޖަމާއަތްތައް ފަސްޖެހިފައި ވާތީ ވަރަށް ބޮޑަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

ރާއްޖޭގެ އަމަލާ މެދު އާންމުން ފާޑުކިޔަން ފެށުމުން ފޮރިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ހަމައެކަނި ބުނީ އެ ވޯޓަކީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ގުޅޭ ވޯޓެއް ނޫން ކަމަށެވެ.