ޒުވާނާ ފައި ގިރުނީ އިހުމާލުން ކަމަށް ހޮސްޕިޓަލުން ގަބޫލެއް ނުކުރޭ

ފުޓްބޯޅަ ކުޅެނިކޮށް ކުޑަ ހުޅަށް ލިބުނު ގެއްލުމަކާ ގުޅިގެން ތ. އަތޮޅު ހޮސްޕިޓަލުން ޕްލާސްޓަރު އެޅި ޒުވާނާގެ ފައިން ތަންގަނޑެއް ގިރި، އެ ފައި ބުރިކޮށްލަން ޖެހިދާނެކަމުގެ ބިރު އުފެދިފައިވާއިރު އެކަމުގައި އެ ހޮސްޕިޓަލްގެ އިހުމާލެއް ވާކަމަށް ގަބޫލް ނުކުރާ ކަމަށް ތ. އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.


ތިމަރަފުށީ އުމުރުން 25 އަހަރުގެ އަލަމް އައްބާސްގެ ފައިގައި ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ޕްލާސްޓަރު އެޅީ ކުޑަ ހުޅުގައި ރެނދެއް ލާފައިވާ ކަމަށް ފެނިގެންނެވެ. އެކަމަކު އޭނާގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ޕްލާސްޓަރު އެޅިތާ ދެ ދުވަސް ތެރޭގައި އެ ހިސާބުގަނޑު ފާރުވާން ފެށީ އެވެ.

އާއިލާއިން ވާހަކަ ދެއްކި މީހާ ބުނިގޮތުގައި އޭޑީކޭ އަށް ގެންގޮސް ދެއްކުމުން ފައި ބުރިކޮށްލަން ޖެހިދާނެ ކަމަށް ޑޮކްޓަރުން ބުނެފައި ވެ އެވެ.

އެކަމާ ގުޅޭގޮތުން ތ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ޒަކީ ވިދާޅުވީ އެ ހާދިސާ އެގޮތަށް ހިނގުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށާއި ނަމަވެސް އެކަމުގައި ހޮސްޕިޓަލުގެ އިހުމާލެއް ވާ ކަމަށް ގަބޫލް ނުކުރެވޭ ކަމަށެވެ.

"ޕްލާސްޓަރު އެޅިފަހުން [އަލަމް] މޫދަށް އެރުނޭ ވެސް ބުނޭ. އަދި މާ ގިނައިން ހިނގި ކަމަށް ވެސް އެބަ ބުނޭ. އެކަމުގައި ހޮސްޕިޓަލުގެ އިހުމާލެއް ވާކަމަށް ގަބޫލެއް ނުކުރެވޭ،" ޒަކީ ވިދާޅުވި އެވެ.

ނަމަވެސް އާއިލާއިން އެކަން ދޮގު ކުރެއެވެ.

"ކަކުލާ ހަމައަށް ޕްލާސްޓަރު އަޅައިފަ އޮތް މީހެއް ކިހިނެއްތޯ މޫދަށް ދާނީ. އެއީ ގަބޫލް ވެސް ކުރެވޭ ވާހަކައެއް ނޫނެއްނު،" އަލަމްގެ އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ހޮސްޕިޓަލް މެނޭޖަރު ވިދާޅުވީ އެކަމާ ގުޅޭ ހުރިހާ ލިޔެކިޔުމެއް ހެލްތު މިނިސްޓްރީ އަށް މިއަދު ފޮނުވާފައިވާނެ ކަމަށެވެ. އެ މައްސަލަ އާ ގުޅިގެން މިހާތަނަށް އެއްވެސް ޑޮކްޓަރަކާ ދޭތެރޭ ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ވެސް ޒަކީ ވިދާޅުވި އެވެ.