ރޮހިންޖާގެ މަންޒަރުތައް ގެނެސްދޭއިރު ސަމާލުވާން ބްރޯޑްކޮމް އިން އެދެފި

މިޔަންމާ ސަރުކާރުން އެ ގައުމުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުން ދާ ލާއިންސާނީ އަމަލުތަކުގެ މަންޒަރުތައް ބްރޯޑްކާސްޓް ކުރުމުގައި ސަމާލުވުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އެދެފި އެވެ.


ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރޮހިންޖާ މުސްލިމުންނަށް ލިބެމުންދާ އަނިޔާގެ މަންޒަރުތައް ބްރޯޑްކާސްޓް ކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑުތަކާ ހިލާފަށް ބައެއް ޗެނަލްތަކުން ބްރޯޑްކާސްޓް ކުރަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެފަދަ މަންޒަރުތައް ދައްކާ އިރު، ގުދުރަތީ ހާދިސާތަކާއި ހިތާމަވެރި ހާދިސާތައް ކަވަރު ކުރުމުގައި އަމަލު ކުރަންޖެހޭ ގައިޑްލައިނަށް ރިއާޔަތް ކުރަންވާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން އެދިފައިވަނީ ހާދިސާތަކުގައި މަރުވެފައިވާ މީހުންނާއި އަނިޔާ ލިބިފައިވާ މީހުންނާއި އަސަރު ކޮށްފައި ތިބޭ މީހުންގެ ކޮންޓެންޓް ގެނެސްދޭ އިރު، އެ މީހުންގެ އިންސާނީ ގަދަރާއި ކަރާމާތަށް އުނިކަން ނާންނާނެ ގޮތަކަށް ބްރޯޑްކާސްޓް ކުރުމަށެވެ. އަދި މިފަދަ ހާދިސާތަކުގައި އަނިޔާ ލިބޭ ފަރާތްތަކުގެ ކޮންޓެންޓް ގެނެސްދޭ އިރު، ޒާތީ ކަންކަން ރައްކާތެރި ކުރެވޭ ގޮތަށް ގެނެސްދިނުމަށް ކޮމިޝަނުން އެދިފައިވެ އެވެ.

މީގެ އިތުރުން ގުދުރަތީ ކާރިސާތަކާއި ހިތާމަވެރި ހާދިސާތަކުގައި މަރުވާ މީހުންނާއި ގެއްލިފައިވާ މީހުންނާއި އަނިޔާވެ އަދި ޒަހަމްވާ މީހުންގެ ނަން ނުވަތަ އެއީ ކާކުކަން އެނގޭނެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމާއި ގުދުރަތީ ކާރިސާތަކާއި ހިތާމަވެރި ހާދިސާތަކުގެ ކޮންޓެންޓް ރިޕީޓްކުރާ އިރު ހިތާމަ އާއި ހިތްދަތިކަން އަދި އުފެދިފައިވާ ބިރުވެރިކަން އިތުރުނުވާ ގޮތަށް ގެނެސްދިނުމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އެދިފަ އެވެ.

"މީގެ އިތުރުން ބްރޯޑްކާސްޓްކުރުކުމުގެ ގަވާއިދުގެ 32 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މިފަދަ މަންޒަރުތައް ގެނެސްދޭއިރު ބެލުންތެރިންގެ ސަމާލުކަމަށް ގެނެސްދިނުމަށްޓަކައި އެކަން އަންގައިދޭ މެސެޖެއް މިފަދަ ކޮންޓެންޓް ގެނެސްދިނުމުގެ ކުރިން ފޮނުވަންވާނެ" ކަމަށް ކޮމިޝަންގެ ބަޔާނުގައިވެ އެވެ.