ފަސްޓްލޭޑީއަށް ގެންދިޔަ ބަތާ ގުޅޭ މައުލޫމާތެއް ފުލުހުުން ނުދިން

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ އުފަންދުވަހަށް މުލީއާގެ އަށް ގެންދިޔަ ބަތަށް ޕިންތަކެއް އެޅި މައްސަލައިގައި ވާހަކަ ދައްކަން ފުލުހުން ދެކޮޅު ހަދައިފި އެވެ.


ފަސްޓް ލޭޑީގެ އުފަންދުވަސް ފާހަގަކުރުމަށް، ބަޔަކާ ހަވާލުކޮށްގެން މުލީއާގެ އަށް ގެންދިޔަ ބަތުގެ ތެރެއިން ހައެއްކަ ތަމްބް ޕިން ފެނިފައިވާއިރު އެ މައްސަލަ ފުލުހުން ދިޔައީ ތަހުގީގު ކުރަމުންނެވެ.

އެކަމަކު ބަތް ގެންދިޔައީ ކޮންތަނަކުންތޯ އަދި އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފިތޯ ބެލުމަށް ފުލުހުންނަށް ގުޅުމުން އެ މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކާކަށް ފުލުހުން ބޭނުމެއް ނުވި އެވެ.

"އެ މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް މީޑިއާއާ ހިއްސާކުރެވޭކަށް ނެތް،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފަސްޓް ލޭޑީގެ އުފަން ދުވަހަކީ މި މަހުގެ 9، އެވެ. އެކަމަކު އުފަން ދުވަސް ފާހަގަކުރަން މުލިއާގެ އަށް ކާއެއްޗެހި ގެންދިޔައީ ކޮންއިރަކު ކަމެއް ސާފެއް ނުވެ އެވެ.