އައްޑޫގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިމިއްޖެ، ހޯމަ ދުވަހުން ފެށިގެން ބިލް ކުރަން ފަށަނީ

އައްޑޫގެ ފެނުގެ ނިޒާމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށާއި އަންނަ ހޯމަ ދުވަހުން ފެށިގެން ގޭގެ އަށް ބިލް ކުރަން ފަށާނެ ކަމަށް ފެނަކައިން މިއަދު ބުނެފި އެވެ.


އެ ކުންފުނީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ޓެކްނިކަލް އޮފިސަރު ހުސައިން ހަމީޒް ވިދާޅުވީ، އައްޑޫގެ އެއްވެސް ގެއަކަށް ފެން ލިބުމުގައި މިހާރު ދަތިކަމެއް ނޫޅޭނެ ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރީ ކުރިން މިކަމަށް ހަވާލުވި ޔޫކޭ ކުންފުންޏެއް ކަމަށްވާ ބައިވޯޓާ އިން ހަދާފައިވާ ޑިޒައިނަށް. އެ ޑިޒައިނުގައި އީޕީއޭގެ ގަވާއިދުތަކާ ހިލާފު ކަންތައްތަކެއް ހުރި. އެ ކަންކަން އަޅުގަނޑުމެން ވާނީ ރަނގަޅުކޮށްފައި،" އޭނާ ވިދާޅުވި އެވެ.

"އެ ޑިޒައިންގައި މީޓަރު ބޯޑު ހުންނަނީ ބިންމަތީ އިންނަ ގާކޮޅެއްގެ މަތީގައި. މިހާރު [މީޓަރު] ހުންނާނީ ފާރުގައި ހަރުކޮށްފައި. ނޯ ރިޓާން ވޭލެއް ވެސް [ކުރިން] ނެތް. މިހާރު އެ ވޭލު ވެސް ހަރުކޮށްފަ ހުންނާނީ."

ހަމީޒް ވިދާޅުވީ އައްޑޫގެ ބައެއް ސަރަހައްދުތަކަށް ފެން ލިބުމުގައި ޕްރެޝަރު ދަށްވާތީ، އެ ސަރަހައްދުތަކުގައި ބޫސްޓަރު ހަރުކޮށްގެން އެކަން ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފެނަކައިގެ ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު ނަޖާހް ވިދާޅުވީ އައްޑޫގެ ފެނުގެ އަގު ކަނޑައަޅާފައި ވަނީ އެހެން ހުރިހާ ރަށްތަކެކޭ އެއްގޮތަށް، ތިން ބޭންޑަކަށް ބަހާލައިގެން ކަމަށެވެ. އެެއީ ދުވާލަކަށް 100 ލީޓަރާ ހަމައަށް ފެން ބޭނުންކުރާ ގެތަކަށް ޔުނިޓަކަށް 65ރ. އާއި 101-200 ލީޓަރާ ހަމައަށް ދުވާލަކަށް ފެން ބޭނުންކުރާ ގެތަކަށް ޔުނިޓަކަށް 75ރ. އަދި 200 ލީޓަރުން މަތިން ދުލާވަކަށް ބޭނުންކުރާ ގެތަކަށް ޔުނިޓަކަށް 100ރ. އެވެ.

"އަޅުގަނޑުމެން ބިލް ކުރަން މި ފަށަނީ ގާތްގަނޑަކަށް އަހަރަކަށް ވުރެ ގިނަ ދުވަހު ހިލޭ ފެން ދޫކުރުމަށް ފަހު،" ނަޖާހް ވިދާޅުވި އެވެ.

އައްޑޫގެ ފެނުގެ ނިޒާމުގެ މަސައްކަތް ބައިވޯޓާ އިން ހުއްޓާލުމުން ފެނަކައާ ހަވާލު ކުރީ 2013 ވަނަ އަހަރު، 35 މިލިޔަން ރުފިޔާ އަށެވެ.