ފަސްޓް ލޭޑީގެ ކެމްޕެއިން ޓީމުން ކުރަނީ ޣައިރު ގާނޫނީ ކަމެއް: އަމީތު

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ ކެމްޕެއިން ޓީމުގެ ބޭފުޅުން ރަށްރަށަށް އަރާވަޑައިގެން ދައްކަވަނީ ޣައިރު ގާނޫނީ ވާހަކަތަކެއް ކަމަށް މަޑުއްވަރީ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ މުހައްމަދު އަމީތު މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ކަމަށް އީސީން ކަނޑައެޅި ގޮނޑިތައް ކާމިޔާބު ކުރުމަށް ފަސްޓް ލޭޑީ އިސްވެ ހުންނަވައި، ޕީޕީއެމްގެ ޚާއްސަ ވަފުދަކުން އަންނަނީ ބައެއް ރަށްރަށުގައި ކެމްޕެއިން ކުރައްވަމުންނެވެ. އޭގެ ތެރޭގައި މަޑުއްވަރީ އާއި ދިއްދޫ ދާއިރާގެ ރަށްތައް ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ އެކު ފަސްޓްލޭޑީ ފާތުން އިއްޔެ މަޑުއްވަރީގައި. --ފޮޓޯ/ޕީޕީއެމް

އިދިކޮޅު ހަރަކާތްތަކުގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީތު ވިދާޅުވީ ފަސްޓް ލޭޑީ އިސްވެ ހުންނަވައިގެން މަސައްކަތް ކުރައްވަނީ އިއުލާންކޮށްފައި ނެތް އިންތިޚާބަކަށް ވޯޓު ހޯދުމަށް ކަމަށެވެ. އެކަމަކު، ސަރުކާރުގެ އިސްވެރިން ރަށްރަށަށް ވަޑައިގަތުމަކީ މައްސަލައެއް ނޫން ކަމަށާއި އެކަން ކުރައްވަން ވާނީ ރައްޔިތުން އެދޭ ކަންކަން ހައްލުކޮށްދީފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީތު (ވ) ވާހަކަ ދައްކަވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އަމީތު ވިދާޅުވި ގޮތުގައި އޭނާ ޕީޕީއެމްގައި ހޭދަކުރެއްވި ތިން އަހަރު ދުވަހުގެ ތެރޭގައި އެތައް ފަހަރަކު ފަސްޓް ލޭޑީގެ އަރިހުގައި ދާއިރާގެ ރަށްތަކަށް ވަޑައިގަތުމަށް އެދިވަޑައިގެންނެވި އެވެ. ނަމަވެސް ރަށްރަށަށް ވަޑައިގަތުމަށް ފަސްޓް ލޭޑީ ބޭނުންފުޅު ނުވި ކަމަށް އަމީތު ވިދާޅުވި އެވެ.

"ވޯޓެއްގެ ވާހަކަ ދައްކާއިރަށް ފާތުން އަށް އެނގިވަޑައިގެންފި މީދޫ، މަޑުއްވަރީ ކިޔާ ދެ ރަށް އޮތްކަން. ވަޑައިގެންނެވީކީ ރައްޔިތުންގެ ހައްގުތައް ހޯއްދަވައި ދެއްވާފައެއް ނޫން. މީދޫގެ ޒުވާން ކުއްޖަކު ވަރަށް ރަހުމުކުޑަކޮށް މަރާލިތާ ދެ މަސް ދުވަސް ފާއިތުވެގެން ދިޔައީ. އެ ކުއްޖާ އަށް އިންސާފު ހޯދައި ދިނުމަށް ސަރުކާރުން ކުރި ކަންތައްތަކެއް ފެންނާކަށެއް ނެތް،" މިދިޔަ ޖުލައި 31 ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީގައި ވަޅި ހަރައި މުހައްމަދު އަނަސް މަރާލި މައްސަލައަށް އިޝާރާތް ކުރައްވައި އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވި ގޮތުގައި އިންތިޚާބު އޮންނަ ކަމަށް ހީކޮށް، ރަށްރަށަށް ކެމްޕެއިން ޓީމުތަކުން ދިޔަޔަސް، ރައްޔިތުންގެ ތާއީދެއް ނުލިބޭނެ އެވެ. އެކަން މަޑުއްވަރީ ދާއިރާގެ ރައްޔިތުން އިއްޔެ ދައްކައިދީފައިވާ ކަމަށާއި ފަސްޓް ލޭޑީގެ ޓީމުން ކުރައްވަނީ ޣައިރު ގާނޫނީ ކަމެއް ކަމަށް އަމީތު ވިދާޅުވި އެވެ.

ފަސްޓް ލޭޑީ އަކީ އެއްވެސް ގާނޫނަކާއި ގަވާއިދަކުން ސިޔާސީ ކަންކަން ކުރެއްވުމުގެ ޒިންމާއާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެއް ނޫން ކަމަށާއި އެކަންކަން ހުއްޓާލައްވަން ޖެހޭ ކަމަށް އަމީތު ވިދާޅުވި އެވެ.

ދިއްދޫ ދާއިރާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ ޕީޕީއެމުން ކެމްޕެއިންގެ މަސައްކަތްތައް ކުރަނީ ގާނޫނުއަސާސީ އާއި ގާނޫނާއި ހެދިފައި ހުރި ގަވާއިދުތަކާ ޚިލާފަށް ކަމަށެވެ. އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފްލެޓް ދިނީ މަކަރުވެރި، ހީލަތްތެރި ރޭވުމެއްގެ ދަށުން ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

މިއީ މަކަރުވެރިކަމާއި ހީލަތްތެރިކަމުގައި ހައްދުން ނެއްޓިފައި އޮތް ސަރުކާރެއް ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ. އަދި ފްލެޓް ދިނުމުގެ ކަންކަމުގައި އިސްކޮށް އުޅުއްވީ ފަސްޓް ލޭޑީ ކަމަށާއި އެކަމަނާ މިކަމުގައި ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.

"ރައީސް އޮފީހުން ނެރޭ އަމުރުތަކާއި ރާއްޖޭގެ މިނިސްޓްރީތަކާއި މިނިވަން މުއައްސަސާތަކުން ނެރޭ އަމުރުތަކަށް ވުރެ، މެޑަމް އޮފީހުން ނެރޭ އަމުރުތައް ބާރުވެގެން އެ ދެނީ،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވުމުން ބައި އިލެކްޝަން ބާއްވަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅައި ދިޔައިރު، އިލެކްޝަންސް ކޮމިޝަނުން އިންތިހާބު އޮންނާނެ ދުވަހެއް އިއުލާނެއް ނުކުރެ އެވެ. އަދި އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ވެސް ހުޅުވާލާފައެއް ނުވެ އެވެ.