ހުޅުލޭ އެއާޕޯޓުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސިފައިން ހަތިޔާރާއެކު މިއަދުން ފެށިގެން ހަރަކާތްތެރިވާން ފަށައިފި އެވެ.


ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި ވަކި މުއްދަތެއް ނެތް ގޮތަށް ސިފައިން ހަތިޔާރާއެކު އެއާޕޯޓުގައި ހަރަކާތްތެރިވާނެ އެވެ. ނަމަވެސް އެކަން ކުރަނީ ރާއްޖެ އަށް ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އެއީ ސަލާމަތީ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާތަނަށް އައިއިރު، ރާއްޖެ އަށް [ޓެރަރިސްޓް ހަމަލައެއް ދީފާނެ] ކަމުގެ އިންޒާރެއް އެއްވެސް ގޮތަކުން ލިބިފައެއް ނުވޭ. އެކަހަލަ ބިރުވެރިކަމެއް ނެތް،" އާދަމް ވިދާޅުވި އެވެ.

"ސިފައިން ހަރަކާތްތެރިވަމުން ދާނީ ހަތިޔާރާއެކު. އެކްސްޕްލޯސިވް ޑިޓެކްޓާސް ބޭނުން ކުރާނެ،"

ނަމަވެސް މި އޮޕަރޭޝަން ކިހާ ދުވަހަކަށް ކުރިއަށް ގެންދާނެ ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. އަދި މިކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެވެ.

ޓެރަރިޒަމްގެ ނުރައްކާތެރި ހަމަލާއެއް ދީފާނެ ކަމަށް ބަލައި، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ދުނިޔޭގެ ގިނަ ގައުމުތަކުގެ އެއާޕޯޓުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވަމުންދެ އެވެ. އެކަމަކު، ރާއްޖޭގައި ފަހަކަށް އައިސް ސިފައިން އެއާޕޯޓުގައި ހަރަކާތްތެރިވީ އެފަދަ ހަތިޔާރެއް ނެތި އެވެ.

ދިވެހި ސަރުކާރުން ގެންދަނީ ޓެރަރިޒަމާ ދެކޮޅަށް ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. އެގޮތުން އެކި ގައުމުތަކުގެ އަސްކަރިއްޔާއާ ގުޅިގެން ހަނގުރާމައަށް ސީރިއާއަށް ދާން އުޅޭ ގިނަ ދިވެހިން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ޝަރީއަތް ކޯޓުގައި ދަނީ ހިނގަމުންނެވެ.

ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް އެ ގައުމަށް ދާން އުޅުނު ތިން ދިވެއްސަކު ތުރުކީން ހިފަހައްޓައި، މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ. ތުރުކީން ހައްޔަރު ކުރި އެ މީހުން މިހާރު ވަނީ ރާއްޖެ ގެނެސްފަ އެވެ. އެ މީހުން ހައްޔަރުކުރީ ދިވެހި ފުލުހުންނާއި ތުރުކީގެ ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނެއްގައި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ވަނީ ބުނެފަ އެވެ.

ސީރިއާގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ދިވެހިން އެ ގައުމަށް ދާއިރު، ގިނަ ބަޔަކު ވަނީ ހަނގުރާމައިގައި މަރު ވެސް ވެފަ އެވެ.

މެލޭޝިޔާގެ ފުލުހުން ވެސް ވަރަށް ފަހުން ވަނީ، ހަނގުރާމަ އަށް ސީރިއާ އަށް ދާން އުޅުނު ކަމަށް ބެލެވޭ އުމުރުން 29 އަހަރުގެ ދިވެއްސަކާއި 33 އަހަރުގެ ދިވެއްސަކު، އެ ގައުމުން ހައްޔަރުކޮށްފަ އެވެ. އެ މީހުން ވެސް ރާއްޖެ ގެނައި ނަމަވެސް، މިހާރު އެ މީހުން ތިބީ ދޫވެފަ އެވެ.