އެއާޕޯޓް މުވައްޒަފަކު ފުޓްސަލް ކުޅެން ހުއްޓައި މަރުވެއްޖެ

ފުޓްސަލް ކުޅެން ހުރި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މުވައްޒަފަކު ރޭ ކުއްލި ގޮތަކަށް މަރުވެގެން ދަނޑު މައްޗަށް ވެއްޓިއްޖެ އެވެ.


ހުޅުލޭގައި އެމްއޭސީއެލްގެ ޑިޕާޓްމެންޓްތަކުގެ މެދުގައި ކުޅުނު ފުޓުސަލް މުބާރާތެއްގެ މެޗެއްގެ މެދުތެރޭން، ރޭ ދިހައެއް ޖަހާކަން ހާއިރު މަރުވެގެން ދަނޑުމައްޗަށް ވެއްޓުނީ ހ. ގޯލްޑް ފްރުޓް މުހައްމަދު ޝިޔާން، 42، އެވެ.

އޭނާ އަކީ އެތަނުގެ ގްރައުންޑް އެއިޑްގައި މަސައްކަތް ކުރާ މީހެއް ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ދަނޑު މައްޗަށް ވެއްޓުމާއެކު އޭނާ ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެކަމަކު އެ ތަނަށް ގެންދިޔަ އިރު ވެސް ޝިޔާން މަރުވެފައިވާ ކަމަށް އެނގިިފައިވެ އެވެ.

އެނގިފައިވާ ގޮތުގައި ވަރަށް ފަހުން ކައިވެނިކުރި ޝިޔާން އަކީ އެއްވެސް ބައްޔެއް ހުންނަ މީހެއް ނޫނެވެ.

އޭނާގެ މައްޗަށް ކުރާ ކަށު ނަމާދު މިއަދުގެ މެންދުރު ނަމާދަށް ފަހު ފުރުގާން މިސްކިތުގައި އޮންނާނެ އެވެ.

ކ. ތުލުސްދޫގައި ވެސް ފުޓުބޯޅަ ކުޅެން ހުރި 25 އަހަރުގެ ޒުވާނަކު މިދިޔަ އަހަރު ވަނީ މަރުވެފަ އެވެ.