65 އަހަރުން މަތީގެ މީހުންނަށް ޕާޓީތަކުގެ އިސް މަގާމު ނުފުރޭ ގޮތަށް ގާނޫނު ބަދަލުކުރަނީ

ސިޔާސީ ޕާޓީތަކުގެ އެންމެ އިސް މަގާމުގައި އުމުރުން 65 އަހަރަށް ވުރެ މަތީގެ މީހުންނަށް ނުތިބޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ނިންމައިފި އެވެ. އޭރުން، މިހާރު ބޮޑު ކޯޅުންގަނޑެއްގެ ތެރޭގައި އޮތް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަތްޕުޅުން އެ ޕާޓީގެ ރައީސްކަން ގެއްލިގެންދާނެ އެވެ.


ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އެ ބަދަލު ގެންނަން ނިންމާފައި ވަނީ މިއަދު ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުން ނިންމާފައި ވަނީ އީދު ބަންދަށް ފަހު، މަޖިލިސް ހުޅުވުމާ އެކު އެ އިސްލާހު މަޖިލީހަށް ފޮނުވުމަށެވެ. ސިޔާސީ ޕާޓީތަކުގެ އެންމެ އިސް މަގާމުގައި 65 އަހަރުން މަތީގެ މީހުންނަށް ނުތިބެވޭ ގޮތަށް އިސްލާހު ކުރަން ނިންމި އިރު، މައުމޫންގެ އުމުރުފުޅުން 80 އަހަރާ ގާތްވެއްޖެ އެވެ.

ޕީޕީއެމްގެ ރައީސްގެ މަގާމުގައި މައުމޫން ހުންނަވައި، ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބޭއްވޭނެ ގޮތް ނުވާނެ ކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން ގަބޫލު ކުރެ އެވެ. އެހެންވެ، އެ ޕާޓީގެ ކައުންސިލް ބައްދަލުވުން ނުބޭއްވިގެން ވަރަށް މުހިންމު ބައެއް ކަންކަން ވަނީ ނުކުރެވިފަ އެވެ. އޭގެ ތެރޭގައި 2018ގެ ރިޔާސީ ކެންޑިޑޭޓްކަން، ޕްރައިމަރީއަކަށް ނުގޮސް މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް ދިނުމުގެ މައްސަލަ ވެސް ހިމެނެ އެވެ. އެނގިފައިވާ ގޮތުގައި ޕީޕީއެމްގެ އެތެރޭގެ މައްސަލަގަނޑު ފެށިފައި ވަނީ މި ހިސާބުންނެވެ. އަދި އޭގެ ފަހުން އިއްޔެ ރައްޔިިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި މައުމޫންގެ އެދިވަޑައިގަތުމާ ޚިލާފަށް އެ ޕާޓީގެ ގިނަ މެމްބަރުން ވަނީ ވޯޓު ދެއްވި އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ނިންމުމާ ހިލާފަށް ވޯޓު ދެއްވި ދެ ބޭފުޅުންނާ މެދު ފިޔަވަޅު އަޅަން ޕާޓީގެ ސުލޫކީ ކޮމިޓީއަށް އިއްޔެ ހުށަހެޅުމާ އެކު މައުމޫން ވަނީ އެމަނިކުފާނުގެ ހުއްދަ ނެތި، ޕާޓީގެ އެއްވެސް ކޮމިޓީއެއް ނުބޭއްވޭނެ ކަމަށް އަންގަވައިފަ އެވެ. މީގެ އިތުރުން މައުމޫން އައްޔަން ކުރައްވާފައިވާ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މަތިކޮށްފައިވާ ޕީޕީއެމްގެ މަސްއޫލިއްޔަތުތައް ވެސް މައުމޫން ވަނީ ރޭ އަތުލައްވައިފަ އެވެ. ޕީޕީއެމްގެ އިދާރީ ހިންގުމުގައި މިހާތަނަށް އިސްކޮށް ހުންނެވީ އަބްދުއްރަހީމެވެ. އަދި މައުމޫން ވަޑައިގެން ނެތް ހާލަތެއްގައި ޕާޓީގެ ކައުންސިލް ބޭއްވުމާއި މައްސަލަތައް އެޖެންޑާ ކުރުމުގެ ބާރު ވެސް އަބްދުއްރަހީމަށް އޭރު އޮތީ ދީފަ އެވެ. އެކަމަކު މައުމޫން ވަނީ އެ ބާރުތައް ވެސް ރޭ އަތުލައްވައިފަ އެވެ.