ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ގާނޫނަށް ބަދަލު ގެނައުމުން ޓްރާންސްޕޭރެންސީން ކަންބޮޑުވެއްޖެ

ޖަވާބުދާރީވުމުގެ އުސޫލުތަކާ ހިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގާނޫނުތަކަށް ބަދަލުގެންނާތީ ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.


ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރަން އުފައްދާފައިވާ ޖަމިއްޔާއެއް ކަމަށްވާ ޓްރާންސްޕޭރެންސީން ނެރުނު ބަޔާނުގައި ބުނީ ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ބިން އަދި ފަޅުތައް އިއުލާނު ކުރުމަކާ ނުލައި ކުއްޔަށް ދޫކުރެވޭ ގޮތަށް މަޖިލީހުން އިއްޔެ ފާސްކުރުމަކީ ޖަވާބުދާރީކަމާއި ހާމަކަމުގެ އުސޫލުތަކާ ހިލާފަށް ގެނައި ބަދަލެއް ކަމަށެވެ. އަދި އެކަމުން ދޭހަވަނީ ގާނޫނުގެ ހިމާޔަތް ލިބިގެން ކޮރަޕްޝަންގެ އަމަލުތައް ހިންގަން މަގުފަހިކުރުވާތަން ކަމަށް ބަޔާނުގައި ބުންޏެވެ.

ރިސޯޓު ތަރައްގީކުރަން ރަށްތައް ދޫކުރާ ގޮތާމެދު ރައްޔިތުން ކަންބޮޑުވާ ކަމަށާއި އިއްޔެ އެ ގާނޫނަށް އިސްލާހު ހުށަހެޅީ ރައްޔިތުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ލަފަޔަށް އެއްވެސް އަޑުއެހުމެއްނެތިކަން ވެސް ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.

"ސަރުކާރުގެ މިއަމަލުން ފެންނަނީ، 72 މިލިއަން ޑޮލަރުގެ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިން ފިލާވަޅެއް ލިބިތަގުމުގެ ބަދަލުގައި ހަމަ އެފަދަ ކޮރަޕްޝަންގެ އަމަލުތައް ގާނޫނުގެ ހިމާޔަތް ލިބިގެން ކުރިއަށް ގެންދިއުމުގެ ވިސްނުމެވެ،" ޓްރާންސްޕޭރެންސީން ނެރުނު ބަޔާނުގައި ބުންޏެވެ.

ޓްރާންސްޕޭރެންސީގެ ބަޔާނުގައި ވަނީ ސަރުކާރުން ހިންގަމުންދާ ކޮރަޕްޝަންގެ އަމަލުތައް ރިޕޯޓުކުރަމުންދާ މީޑިއާތަކާއި މުއައްސަސާތައް އަދި ވަކި ފަރުދުންނަށް ކުރިމަތިކުރުވަމުންދާ އެކި ދަތިކުރުންތައް ވެސް ކުށްވެރިކޮށްފަ އެވެ.

މި ފަހުން ވަނީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް ހިންގެވިކަމަށް ބުނާ ކޮރަޕްޝަންގެ ވާހަކަތަކެއް ރިޕޯޓުކުރި އޮންލައިން ނޫހެއް ކަމުގައިވާ ސީއެންއެމަށް ސަރުކާރުން ކުރި ޕްރެޝާތަކާހެދި ހުއްޓާލައިފަ އެވެ. ޓްރާންސްޕޭރެންސީން ބުނީ ސީއެންއެމް ނޫސް ހުއްޓާލާފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަން ދަށަށް ގޮސް ނޫސްވެރިން ބިރުވެރިކަމެއްގެ ތެރޭގައި މަސައްކަތް ކުރަމުން ދާ ދަނޑިވަޅެއްގައި ކަމަށެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މުއާމަލާތްތަކުގެ މައުލޫމާތު ލީކްކުރި ކަމަށްބުނެ، ބޭންކް އޮފް މޯލްޑިވްސްގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލް ކަރީމް ޖަލުގައި ތިން މަސް ދުވަސް ބަހައްޓާފައިވާތީ ވެސް ޓްރާންސްޕޭރެންސީން ވަނީ ކަންބޮޑުވުް ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާއިން ބުނީ ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި ކޮރަޕްޝަންގެ އަމަލުތައް ހާމަކުރާ މީހުންނާ މެދު ޖިނާއި ދައުވާ އުފުލިގެން ނުވާނެ ކަމަށެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ މީހުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށާއި އަދި ސިޔާސީ ނުފޫޒުން އެއްކިބާވެގެން ކޮރަޕްޝަންގެ އަމަލުތައް ބެލޭނެ މާހައުލެއް އޭސީސީއަށާއި މީޑިއާ ތަކަށް ފަހިކޮށްދޭންޖެހޭ ކަމަށް ވެސް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުންޏެވެ.