ސިޔާސީ މަސްރަހު މަޖުބޫރުކުރަނީ އިންތިގާލީ ސަރުކާރެއް އުފެއްދުމަށް: ނަޝީދު

ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު މަޖުބޫރުކުރަނީ އިންތިގާލީ ސަރުކާރެއް އުފެއްދުމަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.


ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެން، އެ ގައުމުގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ނަޝީދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ ޕީޕީއެމްގެ އެތެރޭގެ ކޯޅުން ބޮޑުވެ، ހުރިހާ ބާރުތަކެއް ނަންގަވައި މައުމޫން ޕާޓީ ހިންގަވަން ފައްޓަވާފައި ވަނިކޮށެވެ.

ނަޝީދު ވިދާޅުވީ ޕާޓީތަކުގެ ލީޑަރުން ހިމެނޭ ސަރުކާރެއް އުފެދެން ޖެހޭ ކަމަށެވެ.

ނަޝީދުގެ ޓުވީޓް.

ނަޝީދު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ސަރުކާރާ އިދިކޮޅު އިއްތިހާދެއް ވަނީ އުފައްދައިފަ އެވެ. އެ އިއްތިހާދުން އަމާޒު ހިފާފައި ވަނީ ގާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީން މަގާމުން ދުރުކޮށް އެންމެންނަށް ބައިވެރިވެވޭ ރިޔާސީ އިންތިހާބެއް ބޭއްވުމެވެ. އެކަން ކުރަން އިންތިގާލީ ސަރުކާރެއް އުފައްދާނެ ކަމަށް އެ އިއްތިހާދުން މީގެކުރިން ވެސް ވަނީ ބުނެފަ އެވެ.

ޕީޕީއެމްގެ ދެފަޅި އަށް ފަޅައިގެން މިދިޔައީ، މައުމޫން ވިދާޅުވި ގޮތުގައި، ޕާޓީގެ އަސާސީއާ ގަވާއިދާ ހިލާފަށް އެތައް ކަމެއް ހިންގައި، ޕާޓީއާ ދޭތެރޭ ރައްޔިތުންނަށް ނުބައި ތަސައްވަރެއް ކުރެވޭ ވަރަށް ކަންކަން ދިއުމުންނެވެ. ޕީޕީއެމް އޮތީ ބޮއްސުންލާފައި ކަމަށާއި ޕާޓީގެ އިސްލާހުކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ވެސް މައުމޫން މިރޭ ވިދާޅުވި އެވެ.

ޕާޓީގެ ހުރިހާ ބާރުތައް މައުމޫން ނެންގެވުމުން ރައީސް ޔާމީނާއި ޕީޕީއެމްގެ ކައުންސިލް މެމްބަރުންގެ ވިސްނުން މިހާރު ހުރީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިގެން މައުމޫން މަގާމުން ވަކިކުރުމަށެވެ. އެ އިސްލާހަކީ 65 އަހަރުން މަތީގެ މީހުންނަށް ސިޔާސީ ޕާޓީގެ ރައީސްކަން އަދާނުކުރެއްވޭނެ ކަމަށް ކަނޑައަޅަން ހުށަހަޅާ އިސްލާހެކެވެ. އެ އިސްލާހު ފާސްވެއްޖެ ނަމަ މައުމޫންގެ މަގާމް ގެއްލޭނެ އެވެ. އެމަނިކުފާނުގެ އުމުރުފުޅު 80 އަށް ވުރެ މަތިވާނެ އެވެ.