އާދިއްތަ ދުވަހު އިންޑަސްޓްރިއަލް ވިލެޖު ހިއްކައި ނިމޭނެ: ހައުސިން

އަންނަ އާދިއްތަ ދުވަހު އިންޑަސްޓްރިއަލް ވިލެޖު ހިއްކައި ނިމޭނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.


އިންޑަސްޓްރިއަލް ވިލެޖުން 4.5 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ވަނީ މިހާރު ހިއްކައި ނިންމައިފަ އެވެ.

އެ މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލް ވިދާޅުވީ ގދ. ތިނަދޫގެ ވެސް ބިން ހިއްކި ޑްރެޖަރު ގެނެސްގެން ބިންހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި ބިންހިއްކުން އާދީއްތަ ދުވަހު ނިންމާލެވޭނެ ކަމަށެވެ. ބިންހިއްކައި ނިމުމާ އެކު މަގު ހެދުމުގެ މަސައްކަތް ފަށަން ވަނީ ނިންމައިފަ އެވެ.

މިނިސްޓަރު މުއިއްޒުގެ ޓްވީޓް

މި މަޝްރޫއަށް 170 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރާނެ އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖުން ހިއްކާ ބިމުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ދެ ދުވަހުން ހިއްކާލެވިފައިވާ ކަމަށެވެ. އަދި އެއީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ތަރައްގީގެ ދުވެލީގެ ގޮތުގައި މިނިސްޓަރު ވަނީ ސިފަކުރައްވައިފަ އެވެ.

އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތްތައް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ މި މަހުގެ 26 ވަނަ ދުވަހަށް އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށެވެ.

އިންޑަސްޓްރިއަލް ވިލެޖް ނިމުމުން، މާލެ ތެރޭގައި ކުރާ ސިނާއީ ބައެއް މަސައްކަތްތައް އެ ސަރަހައްދަށް ބަދަލުކުރަން ހައުސިން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.