ހިޔާނާތް ފަޅާއަރުވާލުމުން ބޭންކުން ވަކިކުރި މުވައްޒަފު ގޭބަންދަށް ބަދަލުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރެއްގެ މައުލޫމާތު އާއްމުކުރި ކަމަށް ބުނެ ހައްޔަރުކޮށް ދައުވާ އުފުލާފައިވާ އެ ބޭންކުން ކުރީގެ މުވައްޒަފު ޝަރީއަތް ނިމެންދެން ގޭބަންދަށް ބަދަލުކޮށްފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފ. ނިލަންދޫގައި ހުންނަ ބީއެމްއެލް ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރަކަށް ކުރިން ހުރި ގާސިމް އަބްދުލްކަރީމް އިއްޔެ ގޭބަންދަށް ކޯޓުން ބަދަލުކޮށްފައިވާ ކަމަށެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރާއިރު މިދިޔަ އާދިއްތަ ދުވަހު ވަނީ ޝަރީއަތް ފަށައިފަ އެވެ.

އޭނާގެ މައްޗަށް ކުރަނީ ހުއްދަ ނޫން ގޮތެއްގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތެއްގައި މައުލޫމާތު އާންމު ކުރުމުގެ ދައުވާ އެވެ.

އެނގިފައިވާ ގޮތުގައި ގާސިމް އާންމުކޮށްފައިވަނީ މިހާތަނަށް ރާއްޖޭގައި ފެންމަތިވި ކޮރަޕްޝަންގެ އެންމެ ބޮޑު މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅޭ މައުލޫމާތުތަކެކެވެ. ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އެކަން ކަށަވަރުކޮށެއް ނުދެ އެވެ. ގާސިމްގެ ޝަރީއަތް ވެސް ކުރިއަށް ގެންދަނީ ސިއްރުން ކަމަށް ވާތީ އެ ޝަރީއަތާ ގުޅޭ މައުލޫމާތެއް ވެސް ނޭނގެ އެވެ.

ގާސިމްގެ ޝަރީއަތް ފަށާފައި ވަނީ އޭނާ ބަންދުގައި ބަހައްޓާފައި ހުންނަތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.