އަނބިމީހާ ކުރި ޚަރަދު ފިރިމީހާ އަނބުރާ ދޭން ހައި ކޯޓުން ވެސް އަންގައިފި

ކައިވެނި ކޮށްގެން އުޅުނުއިރު އަނބިމީހާ ލައްވައި ފިރިމީހާ ގެޔަށް ކުރުވި ޚަރަދުތައް އަނބުރާ ދައްކަން ފިރިހެން މީހާގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.


ކަައިވެނި ކޮށްގެން އުޅުނުއިރު އަނބިމީހާ އެކި ކަންކަމަށް ޚަރަދުކުރި 175،000ރ. އަކީ ކައިވެނި ޕާޓީގެ ކޭޓަރިން ޚަރަދުތަކާއި ހަނީމޫން ދަތުރުތަކާއި ގެއަށް ބޭނުންވާ ސާމާނުތައް ހޯދުމަށް ފިރިމީހާ ބުނެގެން ޚަރަދުކުރި ފައިސާ އެވެ. އެ ފައިސާ އަނބުރާ ދައްކާނެ ކަމަށް ބުނެ، ފިރިމީހާ އާއި އަނބިމީހާ އޮތީ އެކަމުގެ އެއްބަސްވުމެއް ވެސް ހަދައިފަ އެވެ.

ކައިވެނި ރޫޅުމުން އެ ފައިސާ ހޯދަން އަންހެން މީހާ ދައުވާ ކުރުމުން ސިވިލް ކޯޓުން 2015 ގައި ފިރިހެން މީހާގެ މައްޗަށް ހުކުމްކުރީ އެ ފައިސާ އަނބުރާ ދެއްކުމަށެވެ. އެ ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ބުނެ ފިރިހެން މީހާގެ ފަރާތުން އެ ހުކުމް އިސްތިއުނާފް ކުރުމުން ހައި ކޯޓުން ނިންމީ ހުކުމަށް ބަދަލެއް ގެންނަން ނުޖެހޭ ކަމަށާއި ފިރިހެން މީހާ އެ ފައިސާ އަނބުރާ ދޭން ޖެހޭނެ ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ ފިރިމީހާއަށް ޚަރަދު ކުރުން އަނބިމީހާގެ މައްޗަށް ޝަރުއީ ގޮތުން ލާޒިމްނުވާ ކަމަށާއި އަނބިމީހާ އަށް ޚަރަދު ކުރުމަކީ ފިރިމީހާގެ ޒިންމާއެއް ކަމަށެވެ. އެ ފައިސާ ޚަރަދުކުރީ ފިރިހެން މީހާގެ އެދިގެން ނޫން ކަމަށް އޭނާގެ ފަރާތުން ބުނެފައި ވިޔަސް އެ ފައިސާ އަނބުރާ ދެއްކުމަށް ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް އޮތްކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން އެ ފައިސާ އަންހެން މީހާ ޚަރަދުކުރި ކަމަށް ފިރިހެން މީހާ އެއްބަސްވާއިރު އެ ފައިސާ އަނބުރާ ދައްކަން ނުޖެހޭ ކަމަށް ފިރިހެން މީހާ ބުނާ ބުނުން ސާބިތުކޮށް ދިނުމަކީ އޭނާގެ ޒިންމާއެއް ކަމަށް ފަނޑިޔާރު އަބްދުޣަނީ މުހައްމަދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ޝުޖާއު އުސްމާންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

އެ ދެ މީހުން ކައިވެނިކޮށްގެން އުޅުނުއިރު އެކި ކަންކަމަށް އަންހެން މީހާ ޚަރަދުތައް ކޮށްފައިވާ ކަމަށާއި އެކަމަކު އޭނާ ދައުވާކުރީ އޭގެ ތެރެއިން ބައެއް ޚަރަދުތަކުގެ ފައިސާ އަނބުރާ ހޯދަން ކަމަށް އެ ހުކުމުގައިވެ އެވެ.