ދުވަސްވީ މީހުންނާ ރައީސް ބައްދަލުކުރެއްވުން ފަސްކޮށްފި

އުމުރުން ދުވަސްވީ މީހުންނާ، ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ބައްދަލުކުރެއްވުން ހޯމަ ދުވަހަށް ފަސްކުރައްވައިފި އެވެ.


ރަސްފަންނުގައި މިރޭ 8:30ގައި ބާއްވާގޮތަށް އޮތް ބައްދަލުވުން ފަސްކުރީ މޫސުން ތަންނުދޭތީ ކަމަށް ރައީސް އޮފީހުން ބުނެއެވެ. މިއަދު ދޭތެރެ ދޭތެރެއިން މާލެއަށް އަންނަނީ ވާރޭ ވެހެމުންނެވެ. ރައީސް އޮފީހުން ބުނީ ދެން އެ ބައްދަލުވުން އޮންނާނީ ހޯމަ ދުވަހު ކަމަށެވެ.

މި ހަރަކާތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު މުލީއާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު ވިދާޅުވީ މި ބައްދަލުވުން ރާއްވަވައި އިންތިޒާމު ކުރައްވަނީ ވެސް ރައީސްގެ ދެކަނބަލުން ކަމަށާއި އެ މަނިކުފާނުގެ މަގްސަދަކީ ވީހާ ވެސް ގިނަ، އުމުރުން ދުވަސްވީ މީހުންނާ ބައްދަލު ކުރައްވައި، އެ މީހުންގެ ހާލު ބައްލަވައި ކަންބޮޑުވުންތައް އޮޅުންފިލުވުން ކަމަށެވެ. އަދި މިއީ ހަމައެކަނި ވަކި ޕާޓީއަކަށް ހާއްސަކޮށްގެން ބާއްވާ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި އެހެންވެ، މިއީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ވީހާ ވެސް ގިނަ ބަޔަކު މި ބައްދަލުވުމުގައި ބައިވެރިވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

މީގެކުރިން ވެސް ރައީސް ވަނީ އުމުރުން ދުވަސްވީ މީހުންނާ ބައްދަލުކުރައްވަން ހާއްސަ ރަސްމިއްޔާތެއް ބާއްވަވައިފަ އެވެ.