ރައީސް ޔާމީނަށް ފާޑުކީ ކޮންޓެންޓަކާ ހެދި ރާއްޖެ ޓީވީ 500،000ރ. އިން ޖޫރިމަނާ!

ރައީސް އަބްދުﷲ ޔާމީނަށް ފާޑުކިޔާފައިވާ ކޮންޓެންޓެއް ދައްކައިގެން ރާއްޖެ ޓީވީ އަނެއްކާވެސް 500،000ރ. އިން ޖޫރިމަނާކޮށްފި އެވެ.


މިއީ ރާއްޖެ ޓީވީ ޖޫރިމަނާކުރި ތިން ވަނަ ފަހަރެވެ. އަބުރުގެ ގާނޫނުގެ ދަށުން ރާއްޖެ ޓީވީ ފުރަތަމަ ޖޫރިމަނާކުރީ 250،000ރ. އިންނެވެ. އެ ޖޫރިމަނާ ދެއްކި ދުވަހު އެ ސްޓޭޝަން ވަނީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ.

ރާއްޖެ ޓީވީގެ ސީއީއޯ ހުސެއިން ފިޔާޒް މިއަދު ވިދާޅުވީ މިފަހަރު ޖޫރިމަނާކުރީ އެ ސްޓޭޝަނުގެ ޕްރޮގްރާމެއްގައި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ، ރައީސް އަބްދުﷲ ޔާމީނާ ގުޅޭގޮތުން ދެއްކެވި ވާހަކައެއް ބްރޯޑްކާސްޓުކޮށްގެން ކަމަށެވެ.

ރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހާ ގުޅިގެން މިދިޔަ ބުރާސްފަތިދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް ވިދާޅުވެފައި ވަނީ މި އަހަރު އެންމެ ގިނައިން އެ ކޮމިޝަނަށް ހުށަހަޅާފައި ވަނީ މީހުންގެ އަބުރާ ބެހުނު ކަމުގެ ޝަކުވާ ކަމަށެވެ. ހިޔާލުފާޅުކުރުމާއި އަބުރުގެ ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން 32 ޝަކުވާއެއް ބެލިއިރު މިހާތަނަށް އެންމެ ގިނައިން ގާނޫނާ ހިލާފުވެފައި ވަނީ ރާއްޖެ ޓީވީން ކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މީގެކުރިން ވެސް ރާއްޖެ ޓީވީ ޖޫރިމަނާކުރީ ރައީސް ޔާމީންގެ އަބުރަށް ގެއްލުންވާ ފަދަ ކޮންޓެންޓެއް ގެނެސްދިން ކަމަށް ބުނެ އެވެ. އެ ފަހަރު އެއް މިލިޔަން ރުފިޔާއިން ޖޫރިމަނާ ކުރީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ދެއްކި ވާހަކަތަކެއް އެ ޓީވީން ލައިވް ކުރުމުންނެވެ. މިއީ، ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުމުގެ މަގުސަދުގައި، ރައްޔިތުންގެ މަޖިލިހުން ފާސްކުރި އަބުރުގެ ގާނޫނު ދަށުން މިހާ ބޮޑު ޖޫރިމަނާއެއް ކުރި ފުރަތަމަ ފަހަރެވެ.

ދިވެހި ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަންތައް ހާމަވާ ގޮތަށް އަލް ޖަޒީރާ އިން ތައްޔާރުކުރި ތަހުގީގީ ރިޕޯޓް ރީބްރޯޑްކާސްޓް ކުރުމާ ގުޅިގެން މީޑިއާ ނެޓު ވަނީ ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ.