ޓެކްސް ނުދައްކައިގެން 12 ފަރާތެއްގެ މައްސަލަ ކޯޓަށް ހުށަހަޅައިފި

ދައުލަތަށް ޓެކްސް ނުދައްކާ 12 ފަރާތެއްގެ މައްސަލަ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.


މީރާ އިން މިދިޔަ މަހުގެ 27 ވަނަ ދުވަހު ދައުވާކުރި 12 ފަރާތަކީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކެވެ. އޭގެ ތެރޭގައި ވަކިވަކި ފަރުދުންނާއި ކުންފުނިތައް ވެސް ހިމެނެ އެވެ. އެ ހުރިހާ ފަރާތްތަކެއްގެ އަތުން ދައުލަތަށް ހޯދަން އެދޭ ޖުމުލަ އަދަދު ފަސް މިލިއަނެއްހާ ރުފިޔާ އަށް އަރަ އެވެ.

އެ މައްސަލަތައް ސިވިލް ކޯޓުން ބަލައިގަނެ، މިހާރު ވަނީ ރަޖިސްޓަރީކޮށްފަ އެވެ.

ޖީއެސްޓީ ނުދައްކައިގެން 12 ފަރާތެއްގެ މައްސަލަ ހުށަހެޅިއިރު ދައުލަތަށް ލިބެންޖެހޭ އެހެނިހެން ޓެކުހާއި ފީ ހޯދަން ވެސް އެކި ފަރާތްތަކުގެ މައްޗަށް މީރާއިން ދައުވާކޮށް، މިހާރު ވެސް ސިވިލް ކޯޓުގައި ދަނީ ޝަރީއަތް ހިނގަމުންނެވެ. އެ މައްސަލަތަކުގައި ދައުލަތަށް ހޯދަން އެދޭ ފައިސާގެ އަދަދު ދެ ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރަ އެވެ.