ފާރިސްގެ މިވަގުތުގެ އަމާޒަކީ ޕާޓީ އިސްލާހުކުރުން، ރިޔާސީ ޓިކެޓާ މެދު ވާހަކައެއް ނުދައްކަވާ

ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މިވަގުތުގެ އަމާޒަކީ އެ ޕާޓީ އިސްލާހުކުރަން ރައީސް މައުމޫން އަބްދުލް ގައްޔޫމް އިއުލާން ކުރައްވާފައިވާ އިސްލާހީ އެޖެންޑާ ކާމިޔާބުކޮށްދިނުން ކަމަށާއި ރިޔާސީ ޓިކެޓް ހޯއްދެވުމާ މެދު އެއްވެސް މީހަކާ އެއްވެސް ގޮތަށް މަޝްވަރާކުރައްވާފައި ނުވާނެ ކަމަށް، ޕާޓީގެ އޮފިޝަލަކު މިއަދު ވިދާޅުވެއްޖެ އެވެ.


ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ޓިކެޓުގައި އުމަރު ނަސީރާ އެކު ރަނިންމޭޓެއްގެ ގޮތުގައި ފާރިސް ނުކުންނަވާނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން، ފާރިސްގެ ވަރަށް ގާތް އަދި ޕާޓީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ރިޔާސީ ޓިކެޓް ހޯއްދެއްވުމުގެ އެއްވެސް ކަމަކާ ބެހޭ ގޮތުން އެއްވެސް މީހަކާ ފާރިސް މަޝްވަރާކޮށް، އެއްބަސްވެފައި ނުވާނެ ކަމަށެވެ.

"ރިޔާސީ ޓިކެޓަށް ފާރިސް ވާދަކުރައްވާނެ ކަމަށް ބުނެ ވާހަކަ ދައްކަނީ ޕީޕީއެމް އިސްލާހު ކުރުމުގެ ޕްރޮގްރާމްގެ ފޯކަސް ގެއްލުވާލަން،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ފާރިސް ވާހަކަ ދައްކަވަނީ: ހުރިހާ އަމާޒެއް ހުރީ ޕީޕީއެމް އިސްލާހުކުރަން ބައްޕާފުޅު އިއުލާން ކުރެއްވި ޕްރޮގާރްމް ކާމިޔާބު ކޮށްދިނުމަށް.---ފޮޓޯ: މަޖިލިސް

ޕީޕީއެމްގެ ޑިމޮކްރެޓިކް ހަރަކާތްތައް ވަރަށް ބޮޑަށް މަޑުޖެހި، އެ ޕާޓީގެ ތަސައްވުރު ކިލަނބުވެފައިވާ ކަމަށް ވިދާޅުވެ، މައުމޫން ވަނީ ޕާޓީ އިސްލާހު ކުރުމުގެ ޕްރޮގްރާމެއް މިދިޔަ ބުރާސްފަތިދުވަހުގެ ރޭ އިއުލާން ކުރައްވައިފަ އެވެ. އަދި އެ ޕްރޮގާރާމް ކާމިޔާބު ކޮށްދިނުމަށް ޕާޓީގެ މެމްބަރުންގެ އެހީތެރިކަމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.

ރައީސް އަބްދުﷲ ޔާމީނާއި މައުމޫނާ ދެމެދު އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމުގެ ތެރެއިން ޕީޕީއެމްގެ އެތެރޭގެ ކޯޅުން ބޮޑުވެ މިހާރު ވަނީ ދެ ފެކްޝަނެއް އުފެދިފަ އެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގެ ހޯމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އުމަރު ވަނީ، 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ރޭ އިއުލާން ކުރައްވައިފަ އެވެ.

ރައީސް އަބްދުﷲ ޔާމީނާއި ރައީސް މައުމޫން ސަލާމް ކުރައްވަނީ: ދެ ބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، އެންމެ ފަހުން ވަނީ ފެކްޝަން އުފެދިފައި.---ފޮޓޯ: ރައީސް އޮފީސް

މައުމޫނަށް ފޮނުއްވި ސިޓީއެއްގައި އުމަރު ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށެވެ. އަދި ޕީޕީއެމްގެ ތެރެއިން ޕްރައިމަރީގެ ކަންކަން ކޮޅެއްގައި ނުޖެހިއްޖެ ނަމަ، އިންތިހާބަށް ނުކުންނަވާނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދެއްވަން، އެމަނިކުފާނުގެ ފެކްޝަންގެ އިސް ބޭފުޅުން ގެންދަވަނީ ބާރުއަޅުއްވަމުންނެވެ. އެކަމަކު މައުމޫންގެ ފެކްޝަންގެ އިސް ބޭފުޅުން އެއާ ދެކޮޅެވެ.

ޓޫރިޒަމްގެ މަސައްކަތްތަކަށް ބިޑަކާ ނުލައި ރަށްރަށް ދިނުމުގެ އިސްލާހަށް ފާރިސް ވޯޓު ނުދެއްވުމުން، ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުން ވަނީ އޭނާއާ މެދު ފިޔަވަޅު އަޅަން ޕާޓީ އަށް އަންގާފަ އެވެ. އެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ފާރިސް ޖެހޭނީ ޕާޓީން ވަކިކުރާށެވެ. އެކަމަކު ޕާޓީގެ ރައީސް މައުމޫން އަންގަވާފައި ވަނީ ޕާޓީގެ އެއްވެސް ކޮމިޓީއެއްގެ ބައްދަލުވުން ނުބޭއްވޭނެ ކަމަށެވެ.