އަންނަ އަހަރު ސިޔާސީ ހަލަބޮލިކަން އިތުރުވާނެ: ޑިފެންސް މިނިސްޓަރު

އަންނަ އަހަރަކީ ރާއްޖޭގެ ސިޔާސީ ހަލަބޮލިކަން އިތުރުވެގެން ދާނެ އަހަރެއް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ރޭ ވިދާޅުވެއްޖެ އެވެ.


ސިފައިންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރަކީ ރިޔާސީ އިންތިހާބު އޮންނަ އަހަރު ކަމަށްވާ އިރު، ސިޔާސީ އޮއިވަރުގައި ސިފައިން ޖެހިގެން ނުވާނެ ކަމަށެވެ.

"ރާއްޖޭގައި އެނބުރެމުންދާ ސިޔާސީ އޮއިވަރު މިހާރަށް ވުރެ ވެސް ކުރި އަށް އޮތް ތަނުގައި ބާރުވުމަކީ އެކަށީގެންވާ ކަމެއް. އެކަމަކު އެ އޮއިވަރުގައި ތިޔަ ލޮބުވެތި ސިފައިންގެ އެއްވެސް ބޭފުޅަކު ބެހިގެން ގޮސްގެންނުވާނެ." މިނިސްޓަރު ވިދާޅުވި އެވެ.

ސިފައިންނަށް ސަރުކާރުން ޣައިރު ގާނޫނީ އަމުރު ނުކުރާނެކަން ތަކުރާރު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ގާނޫނުގެ އިމުން ބޭރުން ކަންތައްތައް ކުރަން މި ސަރުކާރުން ނާންގާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"މިއަދު ދިވެހި އަސްކަރިއްޔާ ހިންގަމުން މިދަނީ ސިޔާސީ އެއްވެސް ނުފޫޒެއް ނެތި، ވަރަށް މުސްތަގިއްލުކަމާ އެކު، ހިންގުމަށް ގެންނަންޖެހޭ ބިނާކުރަނިވި، އިސްލާހީ ބަދަލުތައް ގެންނަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ގައުމީ ވާޖިބުތައް އަދާކުރުމަށްޓަކައި ސިފައިންގެ ގާބިލުކަން އިތުރުކޮށް، ސިފަވަންތަކަން ދެމެހެއްޓުމަށް ކުރަންޖެހޭ ކަންތައްތައް އަބަދުވެސް ކުރިއަށް ގެންދަންޖެހޭ ކަމަށާއި ސިފައިންނަށް ބޭނުންވާ ތަމްރީނުތައް ތާވަލު ކުރެވިގެން ކުރިއަށް ދާންޖެހޭ ކަމަށް ވެސް މިނިސްޓަރު ރޭ ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓްރީ ހިންގެވުމާ ހަވާލުވިތާ ދެ އަހަރު ފުރެން ދާ އިރު އެ މަގާމާ ހަވާލުވި ދުވަސްވަރަކީ ރައީސް ޔާމީން އަވަހާރަ ކޮށްލުމަށާއި ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރަމުންދިޔަ ދުވަސްވަރެއް ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ރައީސް ޔާމީން އަވަހާރަ ކޮށްލުމަށް ހަމަލާ ދީފައިވަނީ 2015 ވަނަ އަހަރުގެ ހައްޖަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ހުޅުލެ އިން މާލެ އަށް ވަޑައިގެންނެވި ރިއާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލައިގެންނެވެ. އެ ހާދިސާގައި އެ މަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ޒަހަމްވެވަޑައިގެން ގިނަ ދުވަސްތަކެއް ވަންދެން އައިޖީއެމްއެޗްގައި ފަރުވާ ދެއްވި އެވެ.