އަނަސްގެ މަރާ ގުޅިގެން އިތުރު ފަސް މީހަކަށް ދައުވާކޮށްފި

މިދިޔަ ޖުލައި މަހު ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި އިތުރު ފަސް މީހެެއްގެ މައްޗަށް ދައުލަތުން ދައުވާކޮށް، ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފި އެވެ.


ތޫނު އެއްޗެހިން ހަމަލާދީ އަނަސް މަރާލި މައްސަލާގައި 17 އަހަރުގެ ކުޑަކުއްޖަކަށް ޖުވެނައިލް ކޯޓުގައި ދައުވާކޮށްފައި ވާއިރު އެ މައްސަލާގައި ދެން ދައުވާކުރަނީ މ. ދިމިޝްގު އުސްމާން ޝަރީފާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި ލ. ގަން ތުނޑީ، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންލައިޓް ހަސަން މަހުފޫޒުގެ އިތުރުން ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާގެ މައްޗަށެވެ.

މީގެ އިތުރުން އުސްމާން ޝަރީފާއި ޒަޔާންގެ މައްޗަށް ކުރަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ދެން ތިބި ތިން މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

އަނަސްގެ މަރާ ގުޅިގެން އިތުރު ދެ މީހަކު ވެސް ހޯދަން އިއުލާންކުރި އެވެ. އޭގެ ތެރެއިން އެކަކު ފިލައިގެން އުޅެނިކޮށް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެކަމަކު އެ މީހުންގެ މައްޗަށް އަދި ދައުވާއެއް ނުކުރެ އެވެ.