ލަންކާގައި ދިވެހި ކުދިންތަކެއް މާރާމާރީ ހިންގައި ކަތުރަކުން ހަމަލާދީފި

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުދިންތަކެއްގެ މެދުގައި ހިނގި ޒުވާބެއް ހޫނުވެ، އޭގެ ތެރެއިން އެއް ކުއްޖަކަށް ކަތުރަކުން ހަމަލާދީ މިއަދު ޒަހަމްކޮށްލައިފި އެވެ.


އެނގިފައިވާ ގޮތުގައި އެއް ކުއްޖެއްގެ ބުރަކައްޓަށް ކަތުރެއް ހަރާލާފައިވާއިރު އެހެން ދެ ކުއްޖަކަށް ވެސް ވަނީ މި މާރާމާރީގައި އަނިޔާވެފަ އެވެ. އުމުރުން 18 އަހަރު ނުފުރޭ މި ކުދިންނަށް ލަންކާގެ ކަލުބޯވިލާ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ކަތުރަކުން ހަމަލާ ދިނުމުގެ ސަބަބުން 15 އަހަރުގެ ކުއްޖާއަށް ވަރަށް ބޮޑަށް ވަނީ އަނިޔާވެފަ އެވެ. އެކަމަކު ފުރާނައަށް ނުރައްކާވާ ވަރަށް އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ.

މި މާރާމާރީގައި އަނިޔާވި ތިން ކުދިންގެ ތެރޭގައި ލަންކާ ކުއްޖެއް ވެސް ހިމެނެ އެވެ.

ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައިވާ ސަފީރު، މުހައްމަދު ހުސެން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި މިއަދު ހަވީރު މި މާރާމާރީގައި ޒަހަމްވެފައިވަނީ ލަންކާގެ މަޝްހޫރު ސްކޫލެއް ކަމަށްވާ ޑޭ ބްރިޖް ސްކޫލުގެ ދަރިވަރުންތަކެކެވެ. އަދި މިއީ ދިވެހި ކުދިން ހިމެނޭ ދެ ގުރޫޕެއްގެ ދެމެދުގައި ގިނަ ދުވަސްތަކެއް ވާންދެން އޮތް ދެކޮޅުވެރިކަމެއްގައި ހިންގި މާރާމާރީއެއްކަން އެނގިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަނިޔާވި ތިން ކުދިންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާއިރު، އަނެއް ގުރޫޕުގައި ހިމެނޭ ކުދިން ފިލާފައިވާ ކަމަށް ބުނޭ. އެހެންވެ، ލަންކާގެ ފުލުހުން މިހާރު އަންނަނީ އެ ކުދިން ހޯދުމުގެ މަސައްކަތް ކުރަމުން،" އޭގެ ތެރޭގައި ދިވެހި ކުދިން ވެސް ހިމެނޭކަން ފާހަގަ ކުރައްވައި މުންދު ވިދާޅުވި އެވެ.