ލަންކާގައި ކުރި މުޒާހަރާއިން ދޭން ބޭނުންވާ މެސެޖް ފޯރުކޮށްދެވުނު: މަހުލޫފް

ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީ ކުރިމަތީ މިއަދު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއިން ބައިނަލްއަގުވާމީ ފަރާތްތަކަށް ދޭން ބޭނުންވާ މެސެޖް ފޯރުކޮށްދެވުނު ކަމަށް އެކަމުގައި އިސްކޮށް އުޅުއްވި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މިރޭ ވިދާޅުވެއްޖެ އެވެ.


ގާތްގަނޑަކަށް 50 ދިވެހިންނާއެކު ކުރި މުޒާހަރާގައި މައިގަނޑު ގޮތެއްގައި ގޮވާލީ ޖަލަށް ލާފަައިވާ ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށާއި ރައީސް އަބްދުﷲ ޔާމީން އިސްތިއުފާ ދެއްވުމަށާއި ފަހަކަށް އައިސް ޖަލުގައި ގިނަ ގައިދީންތަކެއް މަރުވަމުން ދާތީ އެކަން ބެލުމަށެވެ. އަދި ނޫސްވެރިންނަށް ދިމާވެފައިވާ ހުރަސްތަކާއި ރައްޔިތުންގެ މަޖިލިސް "ހިސޯރު"ކޮށްފައިވާ ކަމަށް ބުނެ ވެސް އަޑުއުފުލި އެވެ.

ލަންކާގައި މިއަދު ކުރި މުޒާހާރާގައި ދިވެހިންތަކެއް ބައިވެރިވަނީ

މަހުލޫފް ވިދާޅުވި ގޮތުގައި ލަންކާގެ ސަރުކާރުން ހުއްދަ ނަގައިގެން ބޭއްވި އެ މުޒާހަރާގެ މަގްސަދަކީ ލަންކާގައި ދިވެހި ގިނަ ޑިޕްލޮމެޓިކް މިޝަންތައް ކުރިއަށް ދާތީއާއެކު މި މައްސަލަތައް އެ ގައުމާއި ބައިނަލްއަގްވާމީ އެހެން ގައުމުތަކުގެ ސަމާލުކަމަށް ގެނައުމެވެ.

"ދިވެހިންނަކަށް މިހާރު އަމިއްލަ ގައުމަކު މުޒާހަރާއެއް ނުކުރެވޭ. މިތަނުން ހުއްދަ ނަގައިގެން އަޅުގަނޑުމެންނަށް މުޒާހަރާ ކުރެވޭތީ ކުރިއަށް ގެންދިޔައީ،" އޭނާ ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ މުޒާހަރާގެ މަގްސަދު ހާސިލް ވެއްޖެ ކަމަށާއި ދިވެހި ސަރުކާރާއި ބައިނަލްއަގްވާމީ ފަރާތްތަކަށް، ދޭން ބޭނުންވާ މެސެޖް ފޯރުކޮށްދެވިއްޖެ ކަމަށެވެ.

މި އެއްވުމުގައި މަހުލޫފްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ފެލިދޫ މެމްބަރު އަހުމަދު މަރުޒޫގާއި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.