އޭސީސީ އަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ގާނޫނު އިސްލާހު ކުރަން އޭޖީ އަށް ހުށަހަޅައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް އޭސީސީގެ ގާނޫނަށް އިސްލާހު ގެންނަން އެ ކޮމިޝަނުން އެޓާނީ ޖެނެރަލަށް ހުށަހަޅައިފި އެވެ.


އޭސީސީގެ ގާނޫނަށް ގެންނަން އެ ކޮމިޝަނުން މިދިޔަ މަހުގެ 23 ވަނަ ދުވަހު އޭޖީ އޮފީހަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި މީހުން ހައްޔަރުކޮށް، ބަންދު ކުރުމުގެ ބާރާއި މީހުން ރާއްޖޭން ބޭރަށް ފުރުން މަނާ ކުރުމުގެ ބާރާއި ކޯޓު އަމުރެއް ނެތި ބޭންކް އެކައުންޓްތަކުގެ ތަފްސީލާއި މާލީ ބަޔާން ހޯދުމުގެ ބާރު ލިބޭ ގޮތަށް ވެސް ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.

މީގެ އިތުރުން ކޯޓު އަމުރުގެ ދަށުން މީހުންގެ ފޯން ކޯލް އަޑުއެހުމާއި އެކައުންޓް ފްރީޒް ކުރުމާއި މީހުންގެ މުދާ ހިފެހެއްޓުމާއި ކޮރަޕްޝަނުން ހޯދާފައިވާ ކަމަށް ޝައްކު ކުރެވޭ މުދަލާއި ފައިސާ ހިފެހެއްޓުމުގެ ބާރާއި ވިޔަފާރީގެ ހުއްދަ ހިފެހެއްޓުމުގެ ބާރު ވެސް އޭސީސީ އަށް ލިބޭ ގޮތަށް ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.

ދައުލަތުން އެއްވެސް ފަރާތަކާ ކުރަމުންދާ މުއާމަލާތެއްގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމަށް ބެލެވިއްޖެ ނަމަ އެ މުއާމަލާތެއް ކުރުން މަޑުޖައްސާލަން އެންގުމާއި އޭސީސީން ބަލަމުންދާ މައްސަލަތަކުގައި ހިމެނޭ މީހެއްގެ ސަބަބުން ތަހުގީގަށް ހުރަސް އެޅިއްޖެ ނަމަ އެ މީހަކު ވަޒީފާއިން ސަސްޕެންޑް ކުރުމާއި ވަޒީފާ އަދާ ކުރާ ތަން ބަދަލު ކުރަން އެންގުމުގެ ބާރު ވެސް އޭސީސީ އަށް ލިބޭ ގޮތަށް ގާނޫނު އިސްލާހު ކުރަން އެ ކޮމިޝަނުން ވަނީ ހުށަހަޅައިފަ އެވެ.

މީގެ އިތުރުން ވެސް ކޮރަޕްޝަންގެ މުދާ ނުވަތަ ފައިސާ ނިސްބަތްވާ ބަޔަކު ނުވަތަ އެކަމުގެ އަޑީގައި ތިބި ބަޔަކު ހޯދަން އޭސީސީގެ ބެލުމުގެ ދަށުން ކޮންޓްރޯލް ޑެވިލަރީ އޮޕަރޭޝަން ހިންގުމުގެ ބާރާއި އިތުރު ފަރާތެއް މެދުވެރި ނުކޮށް ކޯޓު އަމުރު ހޯދުމުގެ ބާރު ވެސް އޭސީސީ އަށް ލިބޭ ގޮތަށް ވަނީ އިސްލާހު ހުށަހަޅައިފަ އެވެ.

އޭސީސީގެ ގާނޫނަށް 68 އިސްލާހެއް ގެންނަން އެ ކޮމިޝަނުން އޭޖީ އޮފީހަށް ހުށަހަޅާފައި ވާއިރު، އެ އިސްލާހުތަކަކީ މިހާތަނަށް ކުރި ތަޖުރިބާތަކާއި ކުރިމަތިވި އެކި ގޮންޖެހުންތަކާއި ގާނޫނުތަކަށް އައި ބަދަލުތަކުގެ ސަބަބުން އޭސީސީގެ ގާނޫނަށް ގެންނަން ފެންނަ ބަދަލުތައް ހިމަނާފައިވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމުގެ މަޝްރޫއު މެލޭޝިއާގެ ނެކްސްބިޒް ކުންފުންޏާއި ހަވާލުކުރި މައްސަލަ އޭސީސީން ބަލަން ފެށުމާ އެކު އުފެދުނު މައްސަލާގައި އެ ކޮމިޝަންގެ ބައެއް ބާރުތައް ހަނިވެގެން ގޮސްފައިވެ އެވެ. އެ ގޮތުން، އަމިއްލަ އަށް ކޯޓު އަމުރު ހޯދުމުގެ ބާރު އޭސީސީ އަށް ނެތް ކަމަށާއި އެކަން ކުރަން ޖެހޭނީ ޕްރޮސެކިއުޓަ ޖެނެރަލް މެދުވެރިކޮށް ކަމަށް އެ މައްސަލައިގެ ތެރޭގައި ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

މީގެ އިތުރުން ދެ ފަރާތެއްގެ ދެމެދުގައި އެއްބަސްވުމެއް އޮއްވައި އެ އެއްބަސްވުމުގެ ބައިވެރިންނަށް ކޮންޓްރެކްޓާ ބެހޭ ގާނޫނުން ލިބޭ ރައްކާތެރިކަން ގެއްލިގެންދާ ގޮތަށް އަމަލު ކުރަން އެންގުމުގެ ބާރު އޭސީސީ އަށް ލިބިގެން ނުވާ ކަމަށް ވެސް ސުޕްރީމް ކޯޓުން އޭރު ވަނީ ނިންމައިފަ އެވެ.