މެޝިނުގައި ރޯވެ ފިހުނު އަންހެން މީހާ މަރުވެއްޖެ

މއ. ފެސިނޭޝަންގައި ހުރި ދޮންނަ މެޝިނެއްގައި ރޯވެ، ފިހުނު ތ. ގުރައިދޫ ހައްވާ މަނިކެ އަށް އިންޑިއާގައި ފަރުވާދެނިކޮށް މިއަދު މަރުވެއްޖެ އެވެ.


އެ ހާދިސާގައި އޭނާގެ ހަށިގަނޑުގެ 55 ޕަސެންޓް ފިހުނު ކަމަށް، އޭނާ އަށް އެންމެ ފުރަތަމަ ފަރުވާ ދިން އައިޖީއެމްއެޗްއިން ބުންޏެވެ. އޭގެ ތެރޭގައި އިސްތަށިގަނޑާއި ހަށިގަނޑުގެ ބައެއް ހިސާބުތައް ވެސް ހިމެނެ އެވެ.

ގުރައިދޫ ކައުންސިލް މެމްބަރު ތައުފީގް އަލީ ވިދާޅުވީ ހައްވާ މަނިކެ މިއަދު މަރުވުމާ ގުޅިގެން އޭނާގެ އާއިލާގެ މެމްބަރުން ވެސް އިންޑިއާ އަށް ގޮސްފައިވާ ކަމަށެވެ.

"އާއިލާ މެމްބަރުންވީ އެކޮޅުގައި. ޑޮކްޓަރުން ރޭ ޓެސްޓެއް ހެދުމަށްފަހު އުންމީދު ކަނޑާލާފައި ވަނިކޮށް ނިޔާވީ،" އޭނާ ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ދޮންނަ މެޝިންގައި ރޯވީ، އެ ގޭގެ ގޭސްފުޅިން ގޭސް ލީކުވެފައި ހުއްޓާ، ދިމާވި ހާދިސާއަކުންނެވެ.