ޕާސްޕޯޓު ކާޑަށް އެދޭ ފޯމު އަންގާރަ ދުވަހުން ފެށިގެން ދޫކުރާނެ: އިމިގްރޭޝަން

ގިނަ ބޭނުންތައް ކުރެވޭ ގޮތަށް ރާއްޖޭގައި ތައާރަފް ކުރި ޕާސްޕޯޓު ކާޑަށް އެދޭ ފޯމު އަންނަ ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން ދޫކުރާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.


އިމިގްރޭޝަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންފޮމޭޝަން އޮފިސަރު ހަސަން ޚަލީލް ވިދާޅުވީ، ޕާސްޕޯޓް ކާޑަށް އެދޭ ފޯމު ހުށަހަޅާތާ އެއް ދުވަސްތެރޭގައި ކާޑު ލިބޭނެ ކަމަށެވެ.

ޕާސްޕޯޓް ކާޑު ހަދަން 450ރ. ގެ ފީއެއް ނެގުމަށް ވަނީ ނިންމައިފަ އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ މާސްޓަ ކާޑުގެ ބޭނުންތައް ވެސް ޕާސްޕޯޓް ކާޑުން ހިފޭނެ އެވެ. ރާއްޖޭގައި ޕާސްޕޯޓް ކާޑު ތައާރަފްކުރީ ވިޔަފާރީގެ ގިނަ މުއާމަލާތުތައް ކުރެވޭ ގޮތަށެވެ.

ޚަލީލް މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޕާސްޕޯޓު ކާޑުގައި، އައިޑީ ކާޑާއި ލައިންސްނަސް ކާޑު ހިމެނޭއިރު، ބައިނަލްއަގުވާމީ ދަތުރުތަކާއި އެތެރޭގެ އުދުހުންތަކުގައި ކާޑު ބޭނުން ކުރުމުގެ ފުރުސަތު ލިބެ އެވެ. އަދި އެލައިޑް އިންޝުއަަރެންސްގެ ހިދުމަތްތައް ވެސް ޕާސްޕޯޓް ކާޑު ބޭނުންކޮށްގެން ލިބެ އެވެ

ޚަލީލް ވިދާޅުވި ގޮތުގައި ޕާސްޕޯޓު ކާޑަށް އެދުމުގެ ފޯމު ހަމައެކަނި ލިބޭނީ މާލެ އިންނެވެ. އެކަމަކު ކައިރި މުސްތަގުބަލެއްގައި އެހެން ތަންތަނުން ފޯމު ބަލައިގަނެވޭނެ ގޮތް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ޕާސްޕޯޓު ކާޑު ދޫކުރާނީ، މިދިޔަ އަހަރު ތައާރަފް ކުރި އާ ޕާސްޕޯޓު އޮންނަ މީހުންނަށް އެކަނި ކަމަށެވެ. އޭގެ ކުރިން ދޫކުރި ޕާސްޕޯޓު އޮންނަ މީހުންނަށް ކާޑު ދޫ ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އާ ކުރާ އިރެއްގައި ކާޑު ބޭނުމިއްޔާ ކާޑު ދޫކުރާނީ،" ޚަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާސްޕޯޓު ކާޑަށް އެދޭ ފޯމުގައި ބޭނުންވާ ޚިދުމަތަކަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އެމީހަކު ބޭނުން މައުލޫމާތެއް ހިމެނުމުގެ ފުރުސަތު ކާޑު ހައްދާ މީހާ އަށް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"ފޯމު ހުށަހަޅާއިރު ހުންނާނެ އޮޕްޝަންސްތަކެއް ދީފައި. ތިރީގައިވާ މައުލޫމާތުތައް ހިމަނައިދޭށޭ. އެގޮތުން [މިސާލަކަށް] އައިޑީ ކާޑު ބޭނުމޭ. އެލައިޑް، އައިޑީ ކާޑު، ޑްރައިވިން ލައިސަންސް ހިމަނަން ބޭނުން ނުވާނަމަ، އޭގައި ހުންނާނީ ޕާސްޕޯޓުގެ މައުލޫމާތާއި މާސްޓާ ކާޑުގެ މައުލޫމާތުތައް އެކަނި،" ޚަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕާސްޕޯޓު ކާޑުން އިތުރު ހިދުމަތެއް ބޭނުންވެއްޖެނަމަ، އަލުން ޖެހޭނީ ކާޑު ހައްދަން ކަމަށެވެ. އަދި އެ ފުރުސަތު ކޮންމެ މީހަކަށް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިމިގްރޭޝަނުން އިސް ނަގައިގެން މިއަދު ފެށި ތަމްރީނު ޕްރޮގްރާމްގައި އެލައިޑްގެ ވެރިން ބައިވެރިވަޑައިގަންނަވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޕާސްޕޯޓު ކާޑާ ގުޅޭ ގޮތުން އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް އިމިގްރޭޝަނުން އިސް ނަގައިގެން ބީއެމްއެލް އާއި އެލައިޑް އިންޝުއަަރެންސްގެ މުވައްޒަފުން ހޭލުންތެރި ކުރުވުމަށް ޕްރޮގްރާމެއް ވަނީ ފަށައިފަ އެވެ. މި ތަމްރީން ޕްރޮގްރާމްގައި، ކާޑުގެ ސެކިއުރިޓީ ފީޗާސްތަކާއި ކާޑު ގެންގުޅެންވީ ގޮތްތަކާއި ކާޑު ހެއްދޭނެ ގޮތްތަކުގެ މައުލޫމާތު މުވައްޒަފުންނަށް ފޯރުކޮށްދޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ޕާސްޕޯޓް ކާޑު އޮތަސް ގައުމުތަކަށް ދަތުރުކުރާއިރު މިހާރެކޭ އެއްގޮތަށް ޕާސްޕޯޓް ގެންދަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ. ޕާސްޕޯޓް ކާޑު މެދުވެރިކޮށް ރާއްޖޭން ބޭރުގައި ވެސް ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

ޕާސްޕޯޓް ކާޑު އުފެއްދުމަށް ބޭނުންކުރާނީ ޕާސްޕޯޓް އުފައްދަން ވެސް ބޭނުންކުރާ ޖަރުމަނުގެ ޑާމަލޮގް ކުންފުނީގެ ޓެކްނޮލޮޖީ އެވެ. ޕާސްޕޯޓް ކާޑު ތައްޔާރުކުރަން ބޭނުންކުރަނީ ޑާމަލޮގް ކުންފުނިން ތަރައްގީކުރި ބަޔޮމެޓްރިކް ސިސްޓަމާއި އޭގެ ކާޑެވެ. ޑުއަލް އިންޓަފޭސް ޗިޕަކާއެކު ހުންނަ ކާޑަކީ ކޮންޓެކްޓް ލެންސް އަދި ކޮންޓެކް ރީޑްކުރެވޭ ކާޑެކެވެ.