މުއައްވިޒްގެ ބޭބެ އަށް ފްލެޓް ލިބުމުން އޭސީސީ އަށް ހުށަހަޅައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސް މުއައްވިޒް ރަޝީދުގެ އެއްބަނޑު އެއްބަފާ ބޭބެ އަށް، ބޯހިޔާވަހިކަމުގެ މަޝްރޫއުން ފްލެޓް ލިބުނު ކަމަށް ބުނެ އެ ކަން ބަލައިދޭން އަމިއްލަ މީހަކު އޭސީސީ އަށް މައްސަލައެއް ހުށަހަޅައިފި އެވެ.


މި މައްސަލަ ހުށަހަޅާފައި އޮތް ކަން އޭސީސީގެ މެމްބަރަކު މިއަދު ކަށަވަރު ކޮށްދެއްވި އެވެ. އަދި ފްލެޓާ ގުޅޭ ގޮތުން ހުށަހެޅި އެހެން މައްސަލަތަކާ އެކު އެ ޝަކުވާ ވެސް ބަލާނެ ކަމަށް މެމްބަރު ވިދާޅުވި އެވެ.

މުއައްވިޒްގެ ބޭބެ އަށް ފްލެޓް ލިބުނު ކަމަށް އޭސީސީ އަށް މި ހުށަހެޅީ މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުން ފްލެޓް ދިނީ އިންސާފުން ނޫން ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރަމުން ދަނިކޮށެވެ. ދިރިއުޅޭ ހާލަތަށް ބަލައި ނިކަމެތިންނަށް ގިނަ ޕޮއިންޓް ލިބިފައި ވަނިކޮށް، ބޮޑު މުސާރަ ލިބޭ، މިނިވަން ކޮމިޝަންތަކާއިި އޮފީސްތަކުގައި ތިބޭ މީހުންނަށް މި ފަހަރު ފްލެޓް ދީފައިވާ ކަމުގެ ތުހުމަތު ކުރެ އެވެ.

މުއައްވިޒުގެ ބޭބެ އަށް ފްލެޓް ލިބުނު ކަމަށް އޭސީސީ އަށް ޝަކުވާ ހުށަހެޅި އިރު، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން، އޭސީސީގެ ރައީސް ހަސަން ލުތުފީ އަށް ފްލެޓް ނުލިބުނީ އިންސާފުން ބޭރުން ޕޮއިންޓް ދީގެން ކަމަށް ވިދާޅުވެ އޭސީސީ އަށް އޭނާ މައްސަލަ ހުށަހެޅުއްވުމުން ތަހުގީގު ކުރި އެވެ. އެ ފަހަރު، ޕޮއިންޓް ދީފައިވާ ގޮތާ މެދު އޭސީސީން މައްސަލަތަކެއް ފާހަގަކޮށް، އިސްލާހު ކުރަން ވެސް ހައުސިން މިނިސްޓްރީ އަށް އެންގި އެވެ.

ފަހުން އެ މައްސަލަ ނިމުނު ގޮތެއް ނޭނގެ އެވެ. އެކަމަކު، މި ސަރުކާރުން މިނިވަން މުއައްސަސާތަކުގެ އިސް ވެރިންނަށް ރެހެންދި ފްލެޓުން އެޕާޓްމެންޓް ދިން އިރު ލުތުފީ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓަށް ހުޅުވާލުމުން 15،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ފްލެޓް ލިބުނީ 661 މީހަކަށް ކަމަށް ބުނެ ހަތަރު އަހަރު ފަހުން ލިސްޓު އާއްމުކޮށްފައި ވަނީ ފްލެޓް ލިބުނު މީހުންނަކީ ކޮން ބައެއް ކަން ނޭނގޭ ގޮތަށް، ހަމައެކަނި ފޯމު ނަމްބަރުތަކާ އެކުގަ އެވެ. ފްލެޓް ލިބުނީ ކިތައް ޕޮއިންޓުން ކަމެއް ވެސް ނޭނގެ އެވެ.

އޭސީސީން ބުނެފައިވާ ގޮތުގައި ފްލެޓް ދިން ގޮތާ ގުޅޭ ގޮތުން ހުށަހެޅި މައްސަލަތައް ބަލަން އޭސީސީން ވަނީ ވަކި ޓީމެއް އެކުލަވާލައިފަ އެވެ. އެ ޓީމު ހައުސިން މިނިސްޓްރީގައި ހަރަކާތްތެރިވަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ ކަަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ފްލެޓް ދިން ގޮތާ ގުޅޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރެ އެވެ. ފްލެޓަށް ކުރިމަތިލި އެއް ބަޔަކު ބުނާ ގޮތުގައި، ފްލެޓް ލިބުނު މީހުން އިއުލާން ކުރުމުގެ ކުރިން، ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރަންތޯ އަހަން ޕީޕީއެމްގެ ކެމްޕޭން އޮފީހަކުން ފޯނު ކޯލްތަކެއް ކުރި އެވެ. އަދި ފްލެޓްތައް ބަހާފައި ވަނީ އެ ކެމްޕޭން އޮފީހުގެ ނުފޫޒާއެކު ކަމަށާއި 100 ޕޮއިންޓް ލިބުނު މީހުން ތިއްބައި އެއަށް ވުރެ މާ މަދުން ޕޮއިންޓް ލިބުނު މީހުންނަށް ވެސް ފްލެޓް ދީފައިވާ ކަމަށް ތުހުމަތު ކުރެ އެވެ.

އެކަމަކު މި ތުހުމަތުތައް ހައުސިން މިނިސްޓްރީން ވަނީ ދޮގުކޮށްފަ އެވެ. އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ފްލެޓް ދިނުމުގެ ހުރިހާ ކަމެއް ވެސް ދިޔައީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. މިހެން ބުންޏަސް، ފްލެޓް ލިބުނީ ކިތައް ޕޮއިންޓް ލިބުނު މީހުންނަށް ކަން ބުނަން އެ މިނިސްޓްރީން ވަނީ އިންކާރުކޮށްފަ އެވެ. އެ މައުލޫމާތު ހޯދަން ރައްޔިތުންގެ މަޖިލީހުން އެދުމުން އެ މުއައްސަސާ އަށް ވެސް އެ މައުލޫމާތު ހިއްސާއެއް ނުކުރި އެވެ.