ހަވީރުގެ ކުރީގެ މުވައްޒަފުންނަށް އަމުރުކުރީ މީޑިއާ ދެކެ ބިރުން: ކޯލިޝަން

"ހަވީރު" ނޫހާއި އޮންލައިންގެ ކުރީގެ މުވައްޒަފުން ކުރިއަށް އޮތް ދެ އަހަރު ވަންދެން އެހެން މީޑިއާއެއްގައި މަސައްކަތް ނުކުރަން އަންގައި، ސިވިލް ކޯޓުން މިއަދު ހުކުމްކުރީ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން މީޑިއާ ދެކެ ގަންނަ ބިރުގެ ސަބަބުން ކަމަށް އިދިކޮޅު އިއްތިހާދުން މިއަދު ބުނެފި އެވެ.


"ހަވީރު ނިއުސް އޭޖެންސީ"ގެ ތިން ހިއްސާދާރުންގެ ފަރާތުން "ހަވީރު" ނޫހުގެ ކުރީގެ މަސްއޫލުވެރިޔާގެ މައްޗަށް ކުރި ދައުވާއަކާ ގުޅިގެން ސިވިލް ކޯޓުން މިއަދު ހުކުމްކުރީ މިދިޔަ ފެބްރުއަރީ 3 އާ ހަމައަށް "ހަވީރު" ގެ މުވައްޒަފުންގެ ގޮތުގައި ތިބި މީހުން ކުރި އަށް އޮތް ދެ އަހަރު ވަންދެން "ހަވީރު" ނޫން އެހެން އެއްވެސް މީޑިއާއެއްގައި މަސައްކަތް ނުކުރުމަށެވެ. އެގޮތަށް މަސައްކަތް ކުރާ ނަމަ އެކަން ހުއްޓުވަން މުއައްސަސާތަކަށް ވަނީ އަމުރުކޮށްފަ އެވެ.

އިދިކޮޅު ޕާޓީތަކާއި އިދިކޮޅު ސިޔާސީ ފަރާތްތައް ގުޅިގެން އުފައްދާފައިވާ ކޯލިޝަންގެ ފަރާތުން އެ ކޯލިޝަންގެ ތަރުޖަމާނު އަހުމަދު މަހްލޫފް ވިދާޅުވީ އެއީ ރައީސްގެ ދެކަނބަލުން މީޑިއާ ދެކެ ގަންނަ ބިރުގެ ސަބަބުން މީޑިއާގެ އަޑު ކަނޑުވާލަން ނެރުނު އަމުރެއް ކަމަށެވެ. އެކަމަކު ސަރުކާރުގެ ތެރޭގައި ހިންގާ ކޮރަޕްޝަންގެ ވާހަކަ ނޫސްތަކުގައި ލިޔާނެ ކަމަށާއި އެކަން ނުހުއްޓުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ވާހަކަތައް ލިޔާނެ، މި ހުރިހާ ކަންކަން ހުރީމަ ނޫސްތަކުގައި މި ލިޔަނީ. ނުކުރާ ނަމަ އެކަމެއް ނުލިޔާނެ. މީޑިއާ ދެކެ ބިރުން ހަވީރުގެ ކުރީގެ ސްޓާފުން އުފައްދާފައިވާ މިހާރު ނޫސް އުވާލަން ކުރި ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. ގަދަބާރުން ހަންމުށި އަޅައިގެން އެއްވެސް ކަމެއް މިހާރަކު ނުހުއްޓުވޭނެ،" މަހްލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންމެ މީހަކަށް ވެސް އެ މީހަކު އިހްތިޔާރު ކުރާ ވަޒީފާއެއް އަދާކުރުމުގެ ހައްގު ގާނޫނު އަސާސީން ލިބިިދޭއިރު އެކަމެއް ނުހުއްޓުވޭނެ އެވެ. އަދި ކޯޓުތަކުން އަމުރު ނެރޭއިރު ގިނަ ފަނޑިޔާރުންނަށް އެކަން ނޭނގޭ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަވީރުގެ ހިއްސާދާރުންގެ މެދުގައި އޮތް މައްސަލައެއްގައި އެތަނުގެ މުވައްޒަފުންގެ ހައްގު ގެއްލިގެން ނުވާނެ ކަމަށެވެ.

"ފަނޑިޔާރުން ކުރައްވާ [އެފަދަ] ހުކުމްތަކުގެ ނަތީޖާއަކީ ގާނޫނުއަސާސީއާ ޚިލާފްވުން،" މަހްލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހުކުރަން ރައްޔިތުން ތެދުވަން ވެއްޖެ ކަމަށާއި މިއަދު ސިޔާސީ ފަރާތްތަކާ ދެކޮޅަށް ޝަރީއަތްތައް ހިންގަމުން ދާއިރު މާދަމާ އެފަދަ ކަމެއް ދިމާވާނީ ކާކަށް ކަން ވެސް ނޭނގޭނެ ކަމަށެވެ.