ދެވަނަ ދައުރެއް ލިބޭނީ ބުރަ މަސައްކަތުން: ރައީސް

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، އެމަނިކުފާނު އިތުރު ދައުރަކަށް ހޮވުމަށް ކުރަންޖެހޭ މަސައްކަތް ބުރަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.


ރިޔާސީ ކެމްޕެއިނަށް ތައްޔާރުވުމުގެ ގޮތުން ރައީސް ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް އިސްނަންގަވައިގެން ބޭއްވި "ކަނބަލުންގެ މަހާސިންތާ" ނިންމުމަށް ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ރައީސް ޔާމީން ވިދާޅުވީ އަންނަ އަހަރު އެމަނިކުފާނު އިތުރު ދައުރަކަށް ހޮވުމަށް ކުރާ މަސައްކަތަކީ ކުރެވޭނެ މަސައްކަތެއް ކަމަށެވެ. އަދި އަންހެނުންނަށް ހާއްސަ މަހާސިންތާއެއް ނިމިގެން ދިޔައީ އެ ބޭނުމުގައި ކަން ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ޝައްކެއް ނެތް މި ކުރާ މަސައްކަތަކީ 2018 ގައި ރައީސް ޔާމީން، އަދިވެސް އެއް ދައުރަށް ހޮވުމަށް ކުރާ މަސައްކަތް. ބުރަ މަސައްކަތްތަކެއް. ނަމަވެސް ކުރެވޭނެ މަސައްކަތެއް،" އަނބިކަނބަލުން ފާތުން އާއި ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ހަފްލާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ. - ފޮޓޯ: ރައީސް އޮފީސް

އަންހެނުންނަކީ އެމީހުންގެ މަސައްކަތާއި ޚިދުމަތާއި ހުނަރާއި ކުރިއެރުމަށް މަސައްކަތް ކުރާ، ޚިދުމަތުގެ އަގު ވަޒަން ކުރެވޭ ބައެއް ކަމަށާއި އެމީހުންނަށް ސަރުކާރުން ކޮށްދެވެން އޮތް ކަމެއް ކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ފިރިހެނުންގެ ދުނިޔޭގައި އަންހެނުންނަކީ ބާރުވެރި، ޝަރަފްވެރި އަދި އަންހެނުންނަށް ހައްގު މަގާމު ދޭން ތައްޔާރަށް ތިބި ބައެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އަންހެނުންނަކީ ހުރިހާ މަސައްކަތެއް ކުރެވޭނެ، ހުރިހާ މަސައްކަތަކަށް ފައްކާ އަދި ހުރިހާ މަސައްކަތަކަށް އިސް ނެގުމުގެ ހައްގު ފިރިހެނުންނެކޭ އެއްވަރަށް އޮތް ބައެއް ކަމަށް މި ސަރުކާރުން ގަބޫލުކުރެ އެވެ. އަދި އަންހެނުންނަކީ ވަކި މަސައްކަތެއް ކުރަން ތިބި ބައެއް ކަމަށް ގަބޫލުކުރާ ކުރުން ދޫކޮށްލަންވެއްޖެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ ގައުމު ބިނާކުރުމުގެ މަސައްކަތުގައި އަންހެނުން މިހާރަށް ވުރެ ބޮޑަށް އަމަލީ ގޮތުން ހަރަކާތްތެރިވުމަށް ގޮވާލައްވައިފަ އެވެ. އަދި އަންހެނުންނަކީ ބާރުވެރި ބައެއް ކަމަށާއި އެކަމާ މެދު ޝައްކު ކުރާނެ ބަޔަކު ދުނިޔޭގައި ނެތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އަންހެނުން ބާރުވެރި ކުރުވުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކުގައި ހިމެނޭ ކޮންމެ 10 މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އަންހެނުން ކަމަށް ހެދުމަށް ކަނޑައަޅާފައިވާކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އަދި ކައިރި މުސްތަގުބަލެއްގައި މިކަން ހާސިލްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، އަންހެނުންގެ ކިބައިގައި ހުންނަ އެހެން މީހުންގެ އިހުސާސްތަކަށް އިހުތިރާމު ކުރުމުގެ މާތް ސިފަ ފާހަގަ ކުރައްވަމުން، އަންހެނުން އިންސާނިއްޔަތު ކަމަށް ދޭ އަހަންމިއްޔަތުކަމުގެ ސަބަބުން ގައުމުގެ ހަމަޖެހުމާއި ސުލްހަވެރިވެރިކަން ދެމެހެއްޓުމަށް އިތުރު ބާރަކަށް ވެގެންދާ ކަމަށް ވެސް ވިދާޅުވި އެވެ.