ބޯވަ ނަގަން ގޮސް އުޅެނިކޮށް ހާލު ދެރަވި މީހަކަށް ފަރުވާ ދެނިކޮށް މަރުވެއްޖެ

އިއްޔެ ހެނދުނު ފުވައްމުލަކުގައި ބޯވަ ނަގަން އުޅުނު މީހެއްގެ ހާލު ސީރިއަސްވެ، ފަރުވާދެމުން އަންނަނިކޮށް މަރުވެއްޖެ އެވެ.


ފުވައްމުލަކު ހޮސްޕިޓަލު އައިސީޔޫގައި ފަރުވާދެނިކޮށް އިއްޔެ ހަވީރު މަރުވީ، އަބްދުﷲ އަފްރާހު، 42، އެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ފުވައްމުލަކު އަރުއްފަންނު ނެރު ކައިރިއަށް ބޯވަ ނަގަން ގޮސް އުޅެނިކޮށް އަކުނިވަޔަށް ދަމައިގަނެ، ހާލު ސީރިއަސް ވެގެންނެވެ. އަފްރާހު ހޮސްޕިޓަލަށް ގެން ދިޔައީ އޭނާއާ އެކު މޫދަށް ގޮސް އުޅުނު މީހުންނެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ އަފްރާހު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހާލު ވަރަށް ދެރަ ކަމަށާއި އޭނާއަށް އޭރު ނޭވާ ވެސް ނުލެވޭ ކަމަށެވެ.

"އެހެންވެ، އަޅުގަނޑުމެން އޭރުން ފެށިގެން އޭނާ ބޭއްވީ ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރެއްގައި. ގެނައިރު ވެސް ހެޔެއް ނެތް. އެހެން އޮވެ، ހާލު ދަށަށް ގޮސް އިއްޔެ ހަވީރު މަރުވީ،" ހޮސްޕިޓަލުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ފަރުޒާދު ވިދާޅުވި އެވެ.

މޫދަށް ގޮސް އުޅެނިކޮށް، ގެނބިގެން މިދިޔަ ހަފުތާގައި ގއ. ވިލިނގިލީގައި ވެސް ޒުވާން ފިރިހެނަކު މަރުވެފައި ވެ އެވެ.