އައްޑޫލައިވް ރަޖިސްޓްރީކޮށް އަލުން ހިންގަން ފަށައިފި

ގަވައިދާ ހިލާފަށް ނެރޭ ކަމަށް ބުނެ ބްލޮކްކޮށްފައިވާ އައްޑޫ ލައިވް ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށް އަލުން މިއަދު ހިންގަން ފަށައިފި އެވެ.


ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އައި އޮންލައިން ނޫސް މީގެ ދެ މަހެއްހާ ދުވަސް ކުރިން ހޯމް މިނިސްޓްރީން ބްލޮކްކުރީ ރަޖިސްޓްރީ ނުކޮށް ގަވައިދާ ހިލާފަށް ހިންގާ ކަމަށް ބުނެ އެވެ. ބްލޮކް ކުރުމާ އެކު ނޫސް ރަޖިސްޓްރީކުރަން މިނިސްޓްރީ އަށް ހުށަހެޅި އެވެ.

ހޯމް މިިނިސްޓްރީން ބުނީ އައްޑޫލައިވް އަލުން ހިންގަން މިއަދު ހުއްދަ ދީފައިވާ ކަމަށެވެ.

އައްޑޫލައިވްގެ އެޑިޓަރު އަދި މަސްއޫލުވެރިޔާ މުހައްމަދު ޝަރަފުއްދީން ވިދާޅުވީ މީގެ ތިން އަހަރު ކުރިން ފެށިގެން ހިންގަމުން އައި އެ ނޫސް ރަޖިސްޓްރީނުކޮށް ހިންގަމުން އައީ އެ ހުއްދަ ގާނޫނު އަސާސީން ލިބިދީފައި އޮވެފައި، ރަޖިސްޓްރީ ކުރުމަށް ހުރި އުނދަގޫތަކެއްގެ ސަބަބުން ކަމަށެވެ. އެކަމަކު ރަޖިސްޓްރީނުކޮށް ހިންގާ ކަމަށް ބުނެ ނޫސް ބްލޮކް ކުރީ ހަމަ ކުއްލިއަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިލިޔަނީ އައްޑޫގައި ތިބެގެން މިތަނުގައި ހުރި މައްސަލަތަކާއި ހަބަރުތައް. ދެން މާލޭގައި ހިނގާ ހާމައަށް ފެންނަން ހުރި ކަންތައްތަކުގެ ވާހަކަ. އެކަމަކު ދައުލަތުގެ ކޮރަޕްޝަންތަކުގެ ވާހަކަތައް ދައްކަން ފެށުމާއެކު މިއީ ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫހެއްތޯ ސުވާލު އުފައްދަން ފަށައިފި،" ޝަރަފުއްދީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ މުޖުތަމައާ ނުގުޅޭ، "ސެންސިޓިވް" ވާހަކަތައް ގެނެސްދޭ ގިނަ އޮންލައިން ނޫސްތައް ރާއްޖޭގައި ހިންގާ ކަމަށާއި އެކަމަކު އެ ފަދަ ނޫހެއް މިހާތަނަށް ބްލޮކް ކޮށްފައި ނުވާ ކަމަށެވެ. އަދި ރަޖިސްޓްރީ ނުކޮށް ނޫސް މަޖައްލާ ނެރުމަކީ ގާނޫނުގައި މަނާ ކޮށްފައިވާ ކަމެއް ވެސް ނޫނެވެ.