އަނަސްގެ މަރާ ގުޅިގެން ހައްޔަރުކުރި އަފްރާހު ޝަރީއަތް ނިމެންދެން ބަންދަށް

އަނަސްގެ މަރާ ގުޅިގެން ހައްޔަރުކުރި އަފްރާހު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިރޭ އަމުުރުކޮށްފި އެވެ.


ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ހިންގި މާރާމާރީއާ ގުޅިގެން މި މަހުގެ އަށް ވަނަ ދުވަހު ހައްޔަރުކުރި އަފްރާހު އަބްދުއްރައްޒާގު، 21، ގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކުރީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުންނެވެ.

ފިލައިގެން އުޅެނިކޮށް އަފްރާހު ހައްޔަރުކުރީ ޖަލާލުއްދީން މިސްކިތް ކައިރީގައި ހުރި ގެއަކުންނެވެ. އެ މައްސަލައިގައި ދެން ހޯދަން އިއުލާން ކުރި ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް، 21، ވަނީ މިދިޔަ މަހުގެ ފަހުކޮޅު ހައްޔަރުކޮށްފަ އެވެ.

އަނަސްގެ މަރާ ގުޅިގެން މިހާތަނަށް ހަތް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ މ. ދިމިޝްގު، އުސްމާން ޝަރީފާއި، ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި، ލ. ގަން ތުނޑީ އަވަށު، ރަންނާރިގޭ، ޖުނައިހު އަބްދުﷲ އާއި، ސ. ފޭދޫ ވެސްޓަން ވިލާ ހަސަން މަހްފޫޒް އަދި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާގެ އިތުރުން އަފްރާހު އަދި ޝާޒެވެ.

ރ. އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅޭ އަނަސް އަށް ދިން ހަމަލާގައި އޭނާގެ ހަށިގަނޑުގެ 37 ތަނަކަށް ވަޅި ހަރާފައި ވެ އެވެ،

އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ވަނީ ފަށައިފަ އެވެ.