ބަނގްލަދޭޝްގައި ދިވެއްސަކު މަރާލައިފި

ބަންގްލަދޭޝް އަށް ގޮސް ހުރި ދިވެހި ފިރިހެނަކު މިއަދު މަރާލައިފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "މިހާރު" އަށް ވިދާޅުވީ "ބަނގްލަދޭޝްގައި ދިވެހި ރައްޔިތެއް ނިޔާވެގެން އުޅޭ ކަމުގެ މައުލޫމާތު ލިިބިފައިވާތީ އެއީ ކިހިނެއް ހިނގައި ދިޔަ ކަމެއްތޯ ސާފު ކުރުމަށް ދިވެހި ފުލުހުން މިދަނީ މަސައްކަތް ކުރަމުން" ކަމަށެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި ބަނގްލަދޭޝްގައި މަރާލާފައިވަނީ، އައްޑޫ، މަރަދޫފޭދޫ ކަލަރުމާގޭ، އުމުރުން 67 އަހަރުގެ އަބްދުﷲ ފަތުހީ (ބޯކޮށާ ފަތުހީ) އެވެ.

"އެކަން އިތުރަށް ބަލަމުން އަންނާތީ މި ވަގުތަށް އިތުރު ތަފުސީލަކަށް ދެވޭކަށް ނެތް،" ދިވެހި ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގައި ހުރި އޭނާގެ ދަރިއަކު "މިހާރު" އަށް ބުނި ގޮތުގައި ބައްޕަ މަރުވިކަން އާއިލާ އަށް އެންގީ ބަނގްލަދޭޝްގައި ހުންނަ ދިވެހި އެމްބަސީގެ ފަރާތުން، މިއަދު ހެނދުނު 11 ޖަހަނިކޮށެވެ. ނަމަވެސް އޭގެ ފަހުން ބައްޕައާ ބެހޭ އެއްވެސް ހަބަރެއް ނުލިބޭ ކަމަށާއި އޭރު ބައްޕަގެ ހަށިގަނޑު އޮތީ ބަނގްލަދޭޝް ފުލުހުންގެ ބެލުމުގެ ދަށުގައި ކަން އެމްބަސީގެ ފަރާތުން އެނގުނެވެ.

ފަތުހީގެ ދަރިއަކު ބުނި ގޮތުގައި ބައްޕަ މީގެ 15 ވަރަކަށް ދުވަސް ކުރިން ބަނގްލަދޭޝް އަށް ދިޔައީ ޗުއްޓީ ދަތުރެއްގަ އެވެ.

އެނގިފައިވާ ގޮތުގައި އޭނާ މަރާލާފައި ވަނީ މާދަމާ ރާއްޖެ އަންނަން ޓިކެޓް ވެސް ނަގާފައި އޮއްވައި ކަމަށް އެނގިފައިވެ އެވެ.

އެހެން ނަމަވެސް އޭނާގެ މަރާ ބެހޭ އެއްވެސް މައުލޫމާތެއް އިތުރަށް ސާފުވާ ގޮތެއް ނުވި އެވެ.