ފާރިސް އަށް ފިޔަވަޅު އަޅަން އެދެފި، އެކަމަކު ކޮމެޓީއެއް ނުބޭއްވުނު

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ތްރީ ލައިން ވިޕާ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހިލާފުވި މައްސަލާގައި އޭނާ އެ ގުރޫޕުން ވަކިކޮށްދިނުމަށް އެދި ޕީޕީއެމްގެ ސުލޫކީ ކޮމެޓީ އަށް ފޮނުވައިފި އެވެ. އެކަމަކު ޕާޓީގެ ހުރިހާ ބާރުތަކެއް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ނަންގަވާފައިވާތީ ސުލޫކީ ކޮމެޓީ އަދި ނުބޭއްވޭ ކަމަށް ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވި އެވެ.


ޕީޕީއެމް އަސާސީ ގަވާއިދުގައިވާ ގޮތުން މެމްބަރުންނާ މެދު ފިޔަވަޅު އަޅަނީ ސުލޫކީ ކޮމެޓީން މައްސަލަ ބަލައި އެ ކޮމެޓީންނެވެ.

ފާރިސްއާ މެދު ފިޔަވަޅު އަޅަން ފޮނުވީ އިއުލާން ނުކޮށް ރަށްތައް ދޫކުރާ އިސްލާހު ފާސްކުރަން ވިޕްލައިން ނެރެފައި ވަނިކޮށް، އެ ނިންމުމާ ހިލާފުވުމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓަށް ހާޒިރުވެވަޑައިގެން އިންނަވައި ފާރިސް ވޯޓު ދެއްވީ ބިލް ފާސްކުރަން ނުފެންނަ ކަމަށެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިދިޔަ ހަފުތާގައި ވިދާޅުވީ ޕާލަމެންޓްރީ ގްރޫޕުގެ ނިންމުމަކާ ފާރިސް ހިލާފުވެވަޑައިގަތުމަކީ ފިޔަވަޅު އަޅަން ޖެހޭ ކަމެއް ކަމަށެވެ. އެ ގްރޫޕްގެ ނިންމުންތަކާ އެހެން މެމްބަރުން ވެސް ހިލާފުވެވަޑައިގަތުމުން ފިޔަވަޅު އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ ފާރިސްއާ މެދު ފިޔަވަޅު އަޅަން ސުލޫކީ ކޮމެޓީ ބާއްވައިދޭން އެދިފައިވީ ނަމަވެސް މައުމޫންގެ ހުއްދަ ނެތި އެ ކޮމެޓީއެއް ވެސް ކުރިއަށް ނުގެންދެވިފައިވާ ކަމަށެވެ.

ޕީޕީއެމްގެ ހުރިހާ ބާރުތަކެއް މައުމޫން ނެންގެވީ ވެސް ރަށްތައް ދޫކުރާ އިސްލާހު ފާސްކުރަން ވޯޓު ނުދޭން އެދިވަޑައިގެންފައި ވަނިކޮށް އެއާ އިދިކޮޅަށް މެމްބަރުން އަމަލުކުރެއްވުމުންނެވެ. އެ މައްސަލައާ ގުޅިގެން، ޕީޕީއެމްގެ އެތެރޭގެ ތަޅާފޮޅުންތައް އާއްމުވެފައިވާއިރު، 2018 އަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާ އެކު ނައިބެއްގެ ގޮތުގައި ނެރެން ހަމަޖައްސާފައި ވަނީ ފާރިސް ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. އެކަމަކު އޭނާ ވަނީ އެކަން ދޮގުކުރައްވައިފަ އެވެ.