ސިވިލް ސާވެންޓުންގެ ފްލެޓަށް ކުރިމަތިލާން ހުޅުވާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ދޫކުރާ 1،000 ފްލެޓަށް ކުރިމަތިލާން އިއްޔެ ހުޅުވާލައިފި އެވެ.


ހުޅުމާލޭގައި އަލަށް އިމާރާތްކުރާ 7،000 ފްލެޓްގެ ތެރެއިން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ޚާއްސަކުރި 1،000 ފްލެޓަށް އަންނަ ޖެނުއަރީ 15 ގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. އަދި ދިރިއުޅުމުގެ ހާލަތު ވަޒަން ކުރުމަށް ފަހު އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ފައިނަލް ލިސްޓު އިއުލާނު ކުރާނެ ކަމަށް ހައުސިން އިން ބުންޏެވެ.

މި ފްލެޓަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި، ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓުގެ ނުވަތަ އެ އަށް ވުރެ ބޮޑު ގޯއްޗެއް ނެތުން އަދި އެ އަށް ވުރެ ކުޑަ ގޯއްޗެއް އޮންނަ ނަމަ، އެ ދޫކޮށްލަން އެއްބަސްވުން ހިމެނެ އެވެ.

ސިވިލް ސާވެންޓުންނަށް ފްލެޓް ދޫކުރަނީ ކޮންމެ މިނިސްޓްރީއެއްގައި ވެސް މަސައްކަތް ކުރާ މުވައްޒަފަކަށް ބަލައި، ހަމަހަމައަށް ބަހާލައިގެންނެވެ. އަދި ކޮންމެ މިނިސްޓްރީއަކުން ވެސް ތިން ކެޓަގަރީއަކުން ފްލެޓް ދެ އެވެ. އެއީ އިދާރީ މަގާމުތަކުގެ ތިބި މީހުންނަށް ދޭ 300 ފްލެޓާއި ފަންނީ އަދި މެނޭޖީރިއަލް ލެވެލްގެ މުވައްޒަފުންނަށް ދޭ 300 ފްލެޓާއި ސަޕޯޓް ސާވިސް ލެވެލްގެ މުވައްޒަފުންނަށް ދޭ 400 ފްލެޓެވެ.

މިއިން ކޮންމެ ކެޓަގަރީއަކުން ވެސް ޕޮއިންޓް ލިބޭ އުސޫލު އާއްމުކޮށްފައިވާއިރު، ކޮންމެ ބަޔަކުން ވެސް އެންމެ ގިނަ ޕޮއިންޓް ލިބެނީ އެންމެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މީހުންނަށާއި ތައުލީމީ ގޮތުން މަތީ މީހުންނަށެވެ. އެކަމަކު ސަޕޯޓް ސާވިސް ލެވެލްގެ މުވައްޒަފުންނަށް ޕޮއިންޓް ދިނުމުގައި ދަރިން ތިބޭ އަދަދަށް ބަލަ އެވެ.

ސިވިލް ސާވެންޓުންނަށް ހުޅުމާލެ އިން ފްލެޓް ދޭނެ ކަން މި މަހު ކުރީކޮޅު އިއުލާނުކޮށް، ފްލެޓް ދޭނެ އުސޫލު ވަނީ އާއްމުކޮށްފަ އެވެ.