މަސީހު މަގާމުން ދުރުކުރަން 32 މިލިއަން ހުށަހެޅީ ކާކު ކަމެއް ފަލާހަކަށް ނޭނގެ: އޭސީސީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅިގެން އިނގުރައިދޫ ދާއިރާގެ މެމްބަރު އަހްމަދު ފަލާހަށް ރިޝްވަތު ހުށަހެޅީ ކާކު ކަމެއް އޭނާ އަށް އެނގިވަޑައިނުގަންނަވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.


ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ފަލާހު ވިދާޅުވެފައި ވަނީ، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ޕީޕީއެމްގެ 10 މެމްބަރެއްގެ ސޮއި އިދިކޮޅު ފަރާތްތަކުން ހޯދީ "ފައިސާގެ ދަޅަ ދައްކައިގެން" ކަމަށެވެ. މަސީހު ވަކިކުރަން ސޮއި ކުރުވީ "ރިޝްވަތުގެ" ޕެޓިޝަނެއްގައި ކަަމަށާއި އޭނާ އަށް ވެސް އެ ހުށަހެޅުން އައި ކަމަށް ފަލާހު ވަނީ ވިދާޅުވެފަ އެވެ.

އޭސީސީގެ އަމިއްލަ އިސް ނެގުމަށް މި މައްސަލަ ތަހުގީގުކުރުމަށް ފަހު އާއްމުކޮށްފައިވާ ރިޕޯޓުގައި ބުނީ ރިޝްވަތު ހުށަހެޅީ ކާކު ކަމެއް ފަލާހަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ރިޝްވަތުގެ ގޮތުގައި ފައިސާ ހުށަހެޅި މައްސަލަ އަމިއްލަ ރިޕޯޓް ނުކުރީ ކީއްވެތޯ ސުވާލުކުރުމުން "އެ މައްސަލަ ހުށަހަޅާފައި ނުވަނީ، ހުށަނޭޅުމުގެ ނިޔަތުގައި ނޫން ކަމަށާއި އެވަރަށް މައުލޫމާތު ލިބިފައި ނެތުމުން" ކަމަށް ވެސް ފަލާހު ވިދާޅުވި ކަމަށް އޭސީސީން ބުންޏެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި އެ މައްސަލަ ނުބަލަން ނިންމީ އެކަށީގެންވާ ވަރަށް މައުލޫމާތު ލިބިފައި ނުވާތީ އެވެ.

މަސީހު މަގާމުން ދުރުކުރަން ރިޝްވަތު ހުށަހެޅުމުގެ ތުހުމަތު އިދިކޮޅު ސިޔާސީ ލީޑަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ފުލުހުން ވަނީ ކޮށްފަ އެވެ.

ރިޝްވަތުގެ ހުށަހެޅި ކަމުގެ ކުށް ސާބިތުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ރިޝްވަތު ދިނުމުގެ ތުހުމަތުކޮށް ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ މައްޗަށް ވެސް އަންނަނީ ތަހުގީގު ހިންގަމުންނެވެ.