ރައީސް ޔާމީނަށް ޖަމާކުރި މިލިއަން ޑޮލަރަށް ވީގޮތް ހާމަކުރަން ޖެހޭ: އިދިކޮޅު ފަރާތްތައް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އަމިއްލަ ފަރާތަކުން ޖަމާކުރި އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ) އަށް ވީގޮތް ރައްޔިތުންނަށް ސާފުކޮށްދެއްވަން އިދިކޮޅު ފަރާތްތަކުން މިއަދު ގޮވާލައިފި އެވެ.


މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި 1.2 ބިލިއަން ރުފިޔާގެ ހިޔާނާތާ ގުޅޭ ތުހުމަތުތައް ރައީސަށް އަމާޒުވެފައި ވަނިކޮށް، އެމަނިކުފާނުގެ އަމިއްލަފުޅު އެކަންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ. އެ ފައިސާ ޖަމާކުރި އެސްއޯއެފްގެ ހިއްސާދާރުންނާ ސުވާލު ނުކުރެވިގެން މައްސަލަ އޭސީސީން ވަނީ ފައިލްކޮށްފަ އެވެ.

އެކަމަކު އެ ފައިސާ އަށް ވީގޮތް އޭސީސީން އަދި ރައީސް ޔާމީންގެ ފަރާތްޕުޅުން ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. މި މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އަމިއްލަ ކުންފުންޏަކުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ސަބަބު އަދި އެ ފައިސާއަށް ވީގޮތް ވެސް ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ.

މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކަމަށް ބުނެ އޭސީސީ އަށް އެކަން ނިންމާ ނުލެވޭނެ ކަމަށެވެ. އެ ފައިސާ ޖަމާކުރި ކަމަށް ތުހުމަތު ކުރާ މީހުން ރާއްޖޭގައި ނެތަސް ފައިސާ ޖަމާވީ ރައީސް ޔާމީންގެ އެކައުންޓަކަށް ވާތީވެ، އެ ފައިސާ ހޯދޭނެ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

އޭސީސީގެ ނިންމުމާ ގުޅޭގޮތުން، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ކުރެއްވި ޓުވީޓެއް

ރައީސްގެ އެކައުންޓަށް ޖަމާކުރި ފައިސާ އަށް ވީގޮތް ހާމަކޮށްފައި ނުވާތީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވެސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ރައީސްގެ އެކައުންޓުގައި ހުރި ފައިސާ އޭނާ އަށް ދެއްވަން މަހްލޫފް ވަނީ އެދިވަޑައިގެންފަ އެވެ. އެއީ، އެސްބީއައިގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓެއްގައި އެމްއެމްޕީއާރުސީ އަށް ވަންނަން ޖެހޭ ފައިސާ ހުރި ކަމަށް އޭނާ ތުހުމަތު ކުރެއްވުމުން، އެ ފައިސާ ހުރި ނަމަ މަހްލޫހަށް "ހަދިޔާކޮށްފައިވާ ކަމަށް" ރައީސް ވިދާޅުވެފައިވާތީ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލަ ބެލުމަށް ފަހު، މިދިޔަ ހަފުތާގައި ނެރުނު ރިޕޯޓުގައި ވާ ގޮތުން މައްސަލަ ފައިލްކުރީ، އެކަމުގައި ހިމެނޭ ބައެއް މީހުން ރާއްޖޭގައި ނޫޅޭތީ ތަހުގީގުގައި ސުވާލު ނުކުރެވޭތީ އެވެ. މި މައްސަލައިގައި ކޮރަޕްޝަން ހިމެނޭ ކަމެއް ނުވަތަ ނޫން ކަމެއް ވެސް އޭސީސީއަކުން ނުބުނެ އެވެ.

އޭސީސީން ބުނެފައި ވަނީ ރައީސްގެ ޑޮލަރު އެކައުންޓަކަށް ޕްރައިވެޓް ކުންފުންޏަކުން ދެ ފަހަރެއްގެ މަތިން ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ. އޮކްޓޯބަރު، 13، 2015 ގައި 500،000 ޑޮލަރު ޖަމާކުރުމަށް ފަހު އޮކްޓޯބަރު، 15، 2015 ގައި ވެސް 500،00 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައިވެ އެވެ.

އާއްމު ފަރާތަކުން ހުށަހެޅި މި މައްސަލައިގެ ތަހުގީގަށް ރައީސް ޔާމީންގެ އިތުރުން މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ސުވާލުކޮށްފައިވާ ކަމަށް އޭސީސީން ބުނެފައިވެ އެވެ.

ރައީސްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކުންފުންޏަކީ، އޭސީސީން ބުނިގޮތުގައި، ޓޫރިޒަމްގެ ބޭނުމަށް އެމްއެމްޕީއާރުސީން ފަޅުތަކާއި ރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާތައް ޖަމާކޮށްފައިވާ ކުންފުންޏެވެ. އެ ކުންފުނީގެ ނަން އޭސީސީގެ ރިޕޯޓުގައި ހިމަނާފައި ނުވި ނަމަވެސް އެއީ އަދީބާ ގާތް ގުޅުމެއް އޮންނަ ބައެއްގެ ކުންފުންޏެއް ކަމަށްވާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑެވެ.