އައްޑޫ އެކްސިޑެންޓްގައި ދަތްދޮޅި ބިދުނު މީހާ މާލެ ފުރުވާލައިފި

އައްޑޫ މަރަދޫފޭދޫގައި ރޭ ދެ ސައިކަލް ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ދަތްދޮޅި ބިނދުމުގެ އިތުރަށް ބޮލަށް ވެސް ގެއްލުންތަކެއް ލިބުނު ޒުވާނާ އިތުރު ފަރުވާ އަށް މިއަދު މެންދުރު ފަހު މާލެ ފުރުވާލައިފި އެވެ.


މަރަދޫފޭދޫ ނާދީގޭ އިބްރާހީމް އަފްހަޒް މާލެ ފުރުވައިލީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު އެވެ.

ރޭގެ އެކްސިޑެންޓްވި އަނިޔާވި ދެ އަންހެނުންގެ ތެރެއިން އެއް ފައި ބިންދައިގެން ދިޔަ މަރަދޫފޭދޫ މަރިޔަމް ޝަހްވާ ހާދީ އަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު، އޭނާ ފަރުވާ އަށް މާލެ ފުރުވާލަން ހަމަޖެހިފައި ވަނީ މިއަދު ހަވީރު ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މަރަދޫފޭދޫ ބޮޑުމަގުގައި ރޭ ދެ ސައިކަލް އެކްސިޑެންޓްވީ ޝަހްވާ އާއި އެހެން އަންހެނަކު ދުއްވާފައި ދިޔަ ސައިކަލްގެ ކައިރިން އަފްހަޒް ދިއްވި ސައިކަލެއް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެ ޖެހިގެންނެވެ. އަދި އެ ސައިކަލް މަގުގައި ޕާކްކޮށްފައި އޮތް ކާރެއްގައި ވެސް ޖެހި، ކާރަށް ވެސް ގެއްލުންވި އެވެ.