ރާއްޖޭގައި މިހާރު އޮތީ "ކަކުނި" ސަރުކާރެއް: ލަތީފް

ރާއްޖޭގައި މިހާރު އޮތީ "ކަކުނި" ސަރުކާރެއް ކަމަށާއި ސަރުކާރު ބޭޒާރުވެގެން ދިޔައީތީ ހއ. ދިއްދޫން ރައީސް އަބްދުﷲ ޔާމީނަށް ލިބޭނެ ވޯޓެއް ދެން ނޯންނާނެ ކަމަށް، އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުވާލާފައިވާ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު މިރޭ ވިދާޅުވެއްޖެ އެވެ.


ވެރިކަންކުރާ ޕާޓީ، ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި މިހާތަނަށް ހުންނެވި ލަތީފްގެ އުފަން ރަށް، ދިއްދޫގައި ބޭއްވި އިދިކޮޅު ހަރަކާތުގެ ޖަލްސާގައި ލަތީފް ވިދާޅުވީ ދައުލަތް މިހާރު ވައްތަރީ "ބޮޑު ސަރުކާރެއް" ހިންގާ ގޮތާ ކަމަށާއި އެއީ "އޮލަނބަށް، ތެދަށް ރަހަ އަށް" ވަޅު ކޮންނަން ކުދި ކަކުންޏަށް އެންގުމަށް ފަހު، ބޮޑު ކަކުނި، "ކަތިކަތި ކޮށް ހޮރު ކޮނެ ފިލާ" އޮންނަ ސަރުކާރެއް ކަމަށެވެ.

އަދި ބޮޑު ކަކުނި އެންގި ގޮތަށް އޮލަނބަށް ރަހައަށް ވަޅުކޮނުމުން، "މިހާރު މިއުޅޭ ޗައިނާ މީހުންނަށް އަތް ބާނައިގެން ފަސޭހައިން ކާލެވޭނެ" ކަމަށް އޭނާ ވިދާޅުވި އެވެ.

ލަތީފް ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ އަނިޔާވެރި ސަރުކާރެކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެއީ ރައްޔިތުން ވޯޓު ދިން ގޮތެއް ނޫނެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވަނީ

ލަތީފް ވިދާޅުވީ ރައީސް ކަމުގެ މަގާމު ޔާމީނާ ހަވާލުކުރީ ރައްޔިތުންނަށް ފާގަތި ދުވަސްތަކެއް ހޯދައިދިނުމަށް ކަމަށާއި އެކަމަކު މިހާރު ވެރިކަން ކުރާ ގޮތުން އިސްދަށަށް ޖަހައިގެން ނުތިބެވޭނެ ކަމަށެވެ. އެހެންވެ ވެރިކަން ނިމުމަކަށް ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިއްދޫ ރައްޔިތުން ތިބީ ސާބިތު ކަމާއެކު. މި ސަރުކާރު ބޭޒާރުވެގެން ދިޔައީތީ މި ރަށުން ދެން [ރައީސް ޔާމީނަށް] ލިބޭނެ ވޯޓެއް ނޯންނާނެ،" ޕީޕީއެމްގެ ތެރޭގައި ހިނގި ކޯޅުމުގައި، އެ ޕާޓީން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެމްބަރު ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ޕާޓީތައް ގުޅިގެން ކުރާ މަސައްކަތް ކާމިޔާބު ވާނެ ކަމަށާއި އެކަމުގައި ދިއްދޫ ރައްޔިތުންގެ އެހީތެރިކަމަށް ވެސް ބޭނުންވާ ކަމަށެވެ.

މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ކޯލިޝަންގައި އިސްކޮށް އުޅުއްވާ ގިނަ މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި އެ ޖަލްސާއަށް ދިއްދޫގެ ގިނަ ބަޔަކު ވެސް ދިޔަ އެވެ.