ޓެރަރިސްޓު ހަމަލާތަކަށް ހުޝިޔާރުވެ ތިބެންޖެހޭ: ޑިފެންސް މިނިސްޓަރު

ދުނިޔޭގެ އެކި ގައުމުތަކަށް ޓެރަރިސްޓު ހަމަލާތައް ދެމުންދާއިރު، ރާއްޖެއަށް އެފަދަ ނުރައްކަލެއް ކުރިމަތިވޭތޯ ހުޝިޔާރުވެ ތިބެމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ގޮވާލައްވައިފި އެވެ.


ނަސްރުގެ ދުވަސް ފާހަގަކުރުމަށް އެމްއެންޑީއެފުން ކަޅުތުއްކަލާކޮށީގައި މިރޭ ބޭއްވި ޖަލްސާގައި މިނިސްޓަރު އާދަމް ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ އެތައް ގައުމެއްގައި ޓެރަރިޒަމްގެ ނުރައްކާތެރި އަމަލުތައް ހިންގަނީ ފިލާ ތިބެގެން ކަމަށެވެ.

"ދިވެހި އަސްކަރިއްޔާގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ހުޝިޔާރުކަމާއެކު އަޅުގަނޑުމެންގެ ގައުމަށް އެފަދަ ނުރައްކަލެއް މެދުވެރިވަމުންދޭތޯ ބެލުމަކީ އަޅުގަނޑުމެން ކުރަން ޖެހިފައިވާ ކަމެއް،" އާދަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ލާދީނީ ފިކުރާއި ހައްދުފަހަނައަޅައި ދިއުމުގެ ފިކުރާއި އިސްލާމް ދީން ދޫކޮށްލުމަކީ ކުރިން ރާއްޖޭގައި އަށެގެންފައިވާ ސިފަތަކެކެވެ. އެކަމަކު، ދިވެހިންނަކީ އިސްލާމް ދީނުގެ ތަރަހައިގެ ތެރޭގައި ތިބޭ ބައެއްގެ ގޮތުގައި ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން، މިނިސްޓަރު ވިދާޅުވީ، އެހެން ދީންތައް ރާއްޖޭގައި ފެތުރުމަށް ކުރާ މަސައްކަތާ ދޭތެރޭ ވަރަށް ބޮޑަށް ހުޝިޔާރުވެ، މުއައްސަސާތަކުން މިކަމަށް މިކަމާ ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ މަސައްކަތް ނުކުރާ ނަމަ، އަމާންކަމާއެކީގައި ދިރިއުޅުމުގެ ފުރުސަތު ކުޑަވާނެ އެވެ.

ނަސްރުގެ ދުވަސް ނިސްބަތްވާ، ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން ނުރައްކާތެރި އުދުވާނީ ހަމަލާގައި އެތައް ބަޔަކު ޝަހީދުވެގެން ދިޔައިރު، އެއީ ދިވެހިންގެ މިނިވަންކަމާއި އިސްތުގާލަށް ލޮޅުން އެރި، ބިރުވެރިކަމާއި ނާމާންކަމާއި މޮޅިވެރިކަމުގެ ދުވަހެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވި އެވެ. ދިވެހިންގެ ބަޔަކާ ގުޅިގެން ސްރީ ލަންކާގެ ހަނގުރާމަވެރިންގެ ބަޔަކު ރާއްޖެއަށް ދިން ހަމަލާގައި، މާތްވެގެންވާ އިސްލާމް ދީނުގެ ހައްގުގައި ކެރިގެން ޖިހާދު ކުރި ހިތްވަރުގަދަ ސިފައިންގެ ފަހުލަވާނުންތަކެއް ފެނުނު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އެ ދުވަހު ސިފައިން ވި މަތިވެރި ޖިހާދަކީ މިއަދު އެއްގޮތަކަށް ވެސް ވަޒަން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އާދަމް ވިދާޅުވި ގޮތުގައި ސިފައިން ކުރި ޖިހާދުގެ ސަބަބުން މިނިވަންކަމުގެ ފޮނި މީރުކަން އިހްސާސް ކުރެވުނެވެ. އަދި ވިދާޅުވީ ގައުމަށް ހިޔާނާތްތެރިވެފައި ތިބި މީހުން މިނިވަންކަމުގެ ޖައްވަށް މިއަދުވެސް ނޭވާލަމުންދާ ކަމަށާއި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލައި، ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރަމުންދާ ބަޔަކު އެބަތިބި ކަމަށެވެ.

މިނިސްޓަރު ވަނީ ގައުމުގެ އިސްތިގުލާލު ހިމާޔަތްކުރުމަށް ރައީސް އަބްދުﷲ ޔާމީން ހިކުމަތްތެރިކަމާ އެކު މަސައްކަތްކުރައްވާ ކަމަށް ވިދާޅުވެ ރައީސް އަށް ތައުރީފުކުރައްވައިފަ އެވެ.