ޓޫރިޒަމްގެ ބޭނުންތަކަށް އިއުލާނު ކުރުމެއް ނެތި ރަށްތައް ދޫކުރެވޭ އިސްލާހު ފާސް ކުރުމާ ދެކޮޅަށް މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުގައި ވޯޓު ދިނީ ޕީޕީއެމްގެ އަސާސީ ގަވާއިދާ ރޫހާ އެއްގޮތަށް ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
އެ އިސްލާހު ފާސްކުރަން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ތްރީ ލައިން ވިޕެއް ނެރެފަ އެވެ. އެއާ ދެކޮޅަށް ވޯޓު ލާފައިވަނީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން އެކަންޏެވެ. ނަމަވެސް ވޯޓަށް އެހި ވަގުތު ޗެމްބަރުން ބޭރުގައި ހުރުމުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް އަށް ވެސް ވޯޓުގައި ބައިވެރިވެވޭ ގޮތެއްނުވި އެވެ.
ފާރިސްއާ މެދު ފިޔަވަޅު އަޅަން ޕީޖީ ގްރޫޕުން ވަނީ އެ ޕާޓީގެ ސުލޫކީ ކޮމެޓީއަށް ފޮނުވައިފަ އެވެ. އެކަމަކު ޕާޓީގެ ހުރިހާ ބާރުތަކެއް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ނަންގަވާފައިވާތީ އަދި ސުލޫކީ ކޮމެޓީ ބޭއްވޭ ގޮތެއްނުވެ އެވެ.
I'm prepared to justify my actions: they are in accordance with the letter and the spirit of the PPM Constitution
— Ahmed Faris Maumoon (@afarismaumoon) July 4, 2016
ފާރިސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އޭނާ އަމަލުކުރެއްވި ގޮތް ބަޔާންކޮށްދެއްވަން ތައްޔާރު ކަމަށާއި އެއީ ޕީޕީއެމްގެ އަސާސީ ގަވާއިދުގެ އެ އަކުރާއި ރޫހާ ވެސް އެއްގޮތަށް ދިން ވޯޓެއް ކަމަށެވެ.
ޕީޕީއެމްގެ ހުރިހާ ބާރުތަކެއް މައުމޫން ނެންގެވީ ވެސް ރަށްތައް ދޫކުރާ އިސްލާހު ފާސްކުރަން ވޯޓު ނުދޭން އެދިވަޑައިގެންފައި ވަނިކޮށް އެއާ އިދިކޮޅަށް މެމްބަރުން އަމަލު ކުރެއްވުމުންނެވެ. އެ މައްސަލައާ ގުޅިގެން، ޕީޕީއެމްގެ އެތެރޭގެ ތަޅާފޮޅުންތައް އާއްމު ވެފައިވާއިރު، 2018 ގެ ރިޔާސީ ކެނޑިޑޭޓަކަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާ އެކު ނައިބެއްގެ ގޮތުގައި ނެރެން ހަމަޖައްސާފައި ވަނީ ފާރިސް ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. އެކަމަކު އޭނާ ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ.