ވެލާނާގޭގައި ހުރި ކަރުދާސްތަކެއްގައި ރޯވެއްޖެ

ވެލާނާގޭގެ އަށް ވަނަ ބުރީގައި ހުންނަ އެޑިއުކޭޝަން މިނިސްޓްރީގައި ބަހައްޓާފައި ހުރި ކަރުދާސްތަކެއްގައި މިރޭ ރޯވެއްޖެ އެވެ.


އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އިބްރާހިމް އާޒިމް ވިދާޅުވީ މިރޭ 10:30 ހާއިރު ރޯވެފައި ވަނީ ވެއިޓިން އޭރިއާގައި، ކުނީގެ ގޮތުގައި ބަހައްޓާފައި ހުރި ކަރުދާސްތަކެއްގައި ކަމަށެވެ. މި ކަރުދާސްތަކުގައި ރޯވުމުން ނިއްވަން އުޅުނު ސެކިއުރިޓީ ގާޑަކަށް ދުމުގެ އަސަރު ކޮށްގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހުނެވެ.

އިމާރާތުން ގެއްލުން ވެފައި ވަނީ ކަރުދާސްތައް ހުރި ދިމާލުން ފާރުގެ ތިރީގައި އަޅާފައިވާ ބޯޑަރަށް އެކަނި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ސަރުކާރުގެ އެކި މިނިސްޓްރީތައް ހިންގާ ވެލާނާގޭގައި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދިއެއް ނޭނގެ އެވެ.