ވަކީލާ ބައްދަލު ނުކުރެވޭތީ ޒިޔަތުގެ ޝަރީއަތުގެ އަޑުއެހުން ފަސްކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން(އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ކުރާ ދައުވާތަކަށް ތައްޔާރުވާން ވަކީލާ ބައްދަލު ކުރަން ފުރުސަތު ނުލިބޭ ކަމަށް ވިދާޅުވެ، ޝަކުވާ ކުރެއްވުމުން އެ މައްސަލަތަކުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.


އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ރަށްތަކާއި ފަޅުތައް ދޫކުރުމުން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ބުނެ 30 އަށް ވުރެ ގިނަ ދައުވާ ޒިޔަތުގެ މައްޗަށް ކުރާއިރު އޭގެ ތެރެއިން 15 ދައުވާއެއްގެ އަޑުއެހުން މިއަދު ބާއްވަން ހަމަޖެއްސި އެވެ.

އެހެން ނަމަވެސް އެ އަޑުއެހުން ކުރިއަށް ނުގެންގޮސް ހުއްޓާލީ ޒިޔަތާ ބައްދަލު ކުރަން އެކަށީގެންވާ ފުރުސަތު ވަކީލަށް ނުލިބޭ ކަމަށް ބުނެ ދައުވާއަށް ޖަވާބުދާރީވާން އިތުރު ފުރުސަތެއް ދިނުމަށް ޒިޔަތުގެ ވަކީލް އެދުމުންނެވެ.

ވަކީލާ ބައްދަލު ނުކުރެވޭތީ ޒިޔަތު ވެސް ވަނީ އެކަމާ ޝަކުވާ ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ވަކީލާ ބައްދަލުކުރަން އެކަށީގެންވާ ފުރުސަތު ނުލިބޭ ކަމަށާއި ޖަވާބުދާރީވެވޭނީ ވަކީލާ ބައްދަލު ކުރުމަށް ފަހު ކަމަށެވެ.

ޒިޔަތުގެ ފަރާތުން އެގޮތަށް އެދެން ފެށުމުން ގާޒީ ނިންމެވީ ޒިޔަތާ ބައްދަލުކުރަން އިތުރު ފުރުސަތެއް ދިނުމަށެވެ. އެގޮތުން ޒިޔަތުގެ ފަރާތުން އެދުނު ގޮތަށް ކޯޓުގައި ޒިޔަތާ ބައްދަލުކުރަން ތިން ގަޑިއިރުގެ ފުރުސަތެއް ވަކީލަށް ދިނުމަށް ފަހު މިއަދުގެ އަޑުއެހުން ވަނީ ކުރިއަށް ނުގެންގޮސް، ނިންމާލައިފަ އެވެ.

އެ މައްސަލައިގެ ދެން އޮންނަ އަޑުއެހުން އަންނަ ހޮނިހިރު ދުވަހު ބާއްވާނެ އެވެ.

ޒިޔަތުގެ މިވަގުތު ވެސް ގެންދަވަނީ ޚިޔާނާތުގެ ކުށެއް ސާބިތުވެ އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.