އީޔޫއަށް ރާއްޖޭގެ ކަންކަން ނިންމޭނެ ކަމަށް ގަބޫލު ކުރުމަކީ ކުށް ހީއެއް: ނާޒިމް

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ޕާލިމެންޓްގައި ރާއްޖޭގެ ކަންކަން ނިންމޭނެ ކަމަށް ގަބޫލު ކުރުމަކީ ކުށް ހީއެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.


ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމެއް ކަމަށްވިޔަސް އަބަދުވެސް ދިވެހިންނަކީ މިިނިވަންކަން ބޭނުންވި ބައެއް ކަމަށާއި މިއަދު ވެސް ތިބީ މިނިވަންކަމާ އެކު ކަމަށެވެ. ރާއްޖޭގެ ކަންކަން ނިންމާނީ ރާއްޖެއިން އަމިއްލައަށް ކަމަށާއި ރާއްޖޭގެ ކަންކަން އީޔޫ އިން ނިންމަން ޖެހޭނެ ކަމަށް ގަބޫލު ކުރާ ބަޔަކު ތިބި ނަމަ އެއީ އެ ބަޔަކާ މެދު ދިވެހިން ލަދު ގަންނަން ޖެހޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ނިންމުންތައް ނިންމާނީ އަޅުގަނޑުމެންގެ ޕާލިމެންޓް ތެރޭގައި. އަޅުގަނޑުމެންގެ ނިންމުންތައް ނިންމާނީ އަޅުގަނޑުމެންގެ ކޯޓުތަކުގައި. އަޅުގަނޑުމެންގެ ހުކުމްތައް ތަންފީޒު ކުރާނީ އަޅުގަނޑުމެންގެ ޖަލުތަކުގައި،" ނާޒިމް ވިދާޅުވި އެވެ.

ރާއްޖޭގެ ކަންކަން ބޭރުގެ ބަޔަކު ނިންމަން ޖެހޭނެ ކަމަށް ގަބޫލު ކުރުމަކީ ވަރަށް ފިނޑި ވިސްނުމެއް ކަމަށެވެ. އަދި ދެތިން މީހުންގެ ވާހަކަ އަޑުއަހައިގެން ގައުމު ހަލަބޮލި ކުރަން ދިވެހިން ބޭނުން ނުވާ ކަމަށާއި މިއަދު ރާއްޖޭގެ ކަންކަން ހިނގަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެމްޑީޕީއަށް ނުސީދާކޮށް ފާޑު ވިދާޅުވަމުން ނާޒިމް ވިދާޅުވީ އެންމެ ކުނި ގޮނޑެއް ނުބެލެހެއްޓުނު ބަޔަކު ސަރުކާރާ އެކު އިގްތިސާދީ ވާހަކަ ދައްކަން އުޅުމުގެ ބޭނުމެއް ނެތް ކަމަށެވެ. މިއަދު ރާއްޖޭގެ އިގްތިސާދު ހިފަހައްޓަނީ ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްތަކުން ކަމަށާއި އާދައިގެ ފެކްޓްރީއެއް ހިންގައިގެން ރާއްޖޭގެ އިގްތިސާދު ހިފެހެއްޓޭނެ ކަމަށް ގަބޫލުކުރި ބަޔަކު ވެސް އުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލޭގެ މަގުމަތީގައި ފެން ބޮޑުވީމަ ހިއްކަން ނޭނގުނު ބައެއް. އަޅުގަނޑު އަބަދުވެސް ދައްކާ ވާހަކައެއް ޣިޔާސުއްދީން ސްކޫލްގެ ފުރަގަހުގައި އޮންނާނެ ކުނި ގޮނޑެއް. އެ ކުނި ގޮނޑަށް ހަދާނެ ގޮތެއް ނޭނގުނު ބަޔަކު ދެން ގައުމު ތަރައްގީގެ ވާހަކަ ދެއްކިޔަސް އެއީ ރައީސް ޔާމީނާ އެކު ތަރައްގީގެ ވާހަކަ ދެއްކޭނެ ބައެއް ނޫން،" އެމްޑީޕީއަށް ނުސީދާކޮށް ފާޑު ވިދާޅުވަމުން ނާޒިމް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނިސްބަތް ކުރައްވައި، ނާޒިމް ވިދާޅުވީ ކީރިތި ރަސޫލާއަށް ހަޖޫ ޖެހި ވެރިއަކު ވެސް ރާއްޖޭގައި ވެރިކަން ކުރެއްވި ކަމަށާއި އެމަނިކުފާނުގެ ފަހަތުގައި ތިބި ރައްޔިތުން އެކަމާ މެދު ވިސްނަންޖެހޭ ކަމަށެވެ. ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަމާއި އެއް ޖިންސުން ކައިވެނި ކުރުމުގެ މިނިވަންކަން ހޯދަން ވެސް ބަޔަކު ބޭނުންވެގެން އުޅޭ ކަމަށާއި އެ ފުރުސަތު ރާއްޖެއިން ނުލިބޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.