އދ.ގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ އިން ފުރިހަމަ އަށް ޒިންމާ އަދާކުރި: އާސިމް

އދ.ގެ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން ރާއްޖެ އިން ފުރިހަމައަށް ޒިންމާ އަދާކޮށްފައިވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މިއަދު ވިދާޅުވެއްޖެ އެވެ.


ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި ރާއްޖޭން ކުރަމުން އަންނަ މަސައްކަތްތަކާއި ހޯދާފައިވާ ކާމިޔާބީތަކުގެ މައުލޫމާތު، އދ. ގައި މަސައްކަތް ކުރައްވާ ދުނިޔޭގެ އަށް ގައުމެއްގެ ސަފީރުންނަށް ދޭން ބަނޑޮސް އައިލެންޑް ރިސޯޓުގައި ފެށި ބައްދަލުވުމުގައި މިނިސްޓަރު އާސިމް ވިދާޅުވީ އެ ޖަމިއްޔާގެ މެމްބަރެއްގެ ހައިސިއްޔަތުން ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ އިން އެންމެ ފުރިހަމައަށް ޒިންމާ އަދާކޮށްފައިވާ ކަމަށެވެ.

އަށް ގައުމެއްގެ ސަފީރުންނަށް ރާއްޖެއާ ބެހޭގޮތުން މައުލޫމާތު ދެނީ، އދ. ގެ ސެކިއުރިޓީ ކައުންސިލަށް 2019 ވަނަ އަހަރު ރާއްޖޭން ކުރިމަތިލާން ނިންމާފައިވާތީ، އެ ގައުމުތަކުގެ ވޯޓު ހޯދުމުގެ ގޮތުންނެވެ. ސެކިއުރިޓީ ކައުންސިލްގެ ގޮނޑި ރާއްޖެ އަށް ކަށަވަރުކުރަން، ފޮރިން މިނިސްޓަރު އާސިމް ދާދި ފަހުން ވަނީ އެކި ގައުމުތަކަށް ވަޑައިގެން މި ވޯޓުގައި އެއްބާރުލުން ދޭން އެދިވަޑައިގެންފަ އެވެ.

އާސިމް ވިދާޅުވީ ރާއްޖެ މިނިވަންވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އދ. ގެ މެމްބަރު ގައުމެއްގެ ގޮތުގައި ރާއްޖެ އިން ބައިވެރިވެފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ކާމިޔާބު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އދ. ގައި މަސައްކަތް ކުރައްވާ ދުނިޔޭގެ އަށް ސަފީރުންނަށް ރާއްޖެއާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ފެށި ބައްދަލުވުމުގައި، ޓޫރިޒަމް މިނިސްޓަރު ޒަމީރު (ވ) ބޭރުގެ ސަފީރަކާ ސަލާމްކުރައްވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ކުޑަ ގައުމަކުން އދ.ގެ މެމްބަރު ގައުމަކަށްވުމުން، އެ ފަދަ ބޮޑެތި ޖަމިއްޔާއެއްގައި މިފަދަ ގައުމަކަށް އަދާކުރެވިދާނެ ދައުރާ ގުޅޭގޮތުން ސުވާލު ކުރެވުނު. އެކަމަކު މިއަދު ރާއްޖެ އިން އެކި ރޮނގުތަކުން ހޯދާފައިވާ ކާމިޔާބީތަކުން، ކުދި ގައުމުތަކަށް ވެސް ބައިނަލްއަގުވާމީ މުޖުތަމައުގައި އަދާކުރެވިދާނެ ދައުރު ފުޅާކަން ވަނީ ސާބިތުކޮށްދެވިފައި،" އާސިމް ވިދާޅުވި އެވެ.

ސެކިއުރިޓީ ކައުންސިލްގެ ގޮނޑި އަށް އިޝާރާތް ކުުރައްވައި ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ބައިނަލްއަގުވާމީ މުހިއްމު ނިންމުންތައް ނިންމުމުގައި ބައިވެރިވާ ގައުމެއްގެ ގޮތުގައި ރާއްޖެ ވާން ބޭނުންވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކަންކަން ހާސިލްކުރަން އޮތް އެންމެ ރަނގަޅު ގޮތަކީ ދޭދޭ ގައުމުތަކުން ގުޅިގެން މަޝްވަރާގެ މޭޒަށް އައުމެވެ. އެގޮތުން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ބާއްވާ މި ބައްދަލުވުމުގައި ރާއްޖެއާ ބެހޭގޮތުން މުހިއްމު މައުލޫމާތުތަކެއް ގައުމުތަކަށް ލިބިގެންދާނެ ކަމަށް އާސިމް ވިދާޅުވި އެވެ.

އދ. ގައި މަސައްކަތް ކުރައްވާ ދުނިޔޭގެ އަށް ސަފީރުންނަށް، ރާއްޖެއާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ފެށި ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކިތަންމެ ކުޑަ އަދި ބޮޑު ގައުމަކަށް ވިއަސް އެއް ހަމައެއްގައި އިންސާފުން ކަންކަން ކުރުމަކީ ހާރިޖީ ގުޅުންތަކުގެ އެއް ބިންގާ ކަމަށާއި އެ އުސޫލަކީ ދޭދޭ ގައުމުތަކުން ގުޅިގެން އަމާޒު ތަކަށް ވާސިލް ވުމަށް އެހީތެރިވެދޭނެ މަގު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސަފީރުންނަށް މައުލޫމާތު ދޭން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.