ޖުމްހޫރީ ރަންޔޫބިލް ކުލަގަދަކޮށް ފާހަގަކުރަން ނިންމައިފި

ރާއްޖޭގެ ޖުމްހޫރިއްޔާ އަށް އަންނަ އަހަރު 50 އަހަރު ފުރޭތީ އެ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރަން ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.


މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވަނީ ޖުމްހޫރިއްޔާގެ ރަންޔޫބިލް ފާހަގަކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ "ޖުމްހޫރީ 50" ގެ ލޯގޯ އާއި ލަވަ އިފުތިތާހުކޮށްފަ އެވެ. މި ލޯގޯ އާއި ލަވަ އިފްތިތާހުކޮށް ދެއްވީ ރައީސް ޔާމީނެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން 2015 ގައި ފާހަގަކުރީ ވެސް ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. އެހެންކަމުން މިއީ އެމަނިކުފާނުގެ ވެރިކަމުގައި ރަންޔޫބީލް ފާހަގަކުރާ މިފަދަ ދެވަނަ މުނާސަބަތު ކަމަށް ވާނެ އެވެ.

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

މިރޭގެ ޖަލްސާގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ މިދިޔަ 49 އަހަރަކީ ރާއްޖެ އަށް ތަފާތު ދާއިރާތަކުން ކުރިއެރުންތަކެއް ލިބުނު އަހަރުތަކެއް ކަމަށެވެ. އަދި މިދިޔަ އަހަރުތަކުގައި ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުން ގައުމަށް ކަންތައްތަކެއް ކޮށްދެއްވި ކަމަށް އެއްބަސްވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ނިމިގެން ދިޔަ ހަތަރު އަހަރަކީ ގައުމާއި ރައްޔިތުންގެ ކުރިއެރުމަށް ތަފާތު، މުހިންމު، ބޮޑެތި މަސައްކަތްތަކެއް ރައީސް ޔާމީން ކޮށްދެއްވި ހަތަރު އަހަރު ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެއީ ކުރިން ވެރިކަން ކުރެއްވި ރައީސުންނަށް ބޭއިންސާފެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

ތަރައްގީގެ ގިނަ ކަންކަމުން މިސާލު ނަންގަވަމުން އަޒްލީން ވިދާޅުވި ގޮތުގައި ރައްޔިތުންނަށް އެންމެ ބޮޑު ތަސައްލީ އަކީ އިންސާފުވެރިކަމާއެކު ކަންކަން ނިންމޭނެ ނިޒާމެއް ގާއިމު ކުރުމެވެ.

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ރައީސް އޮފީސް

އެގޮތުން އިޖުތިމާއީ އަދާލަތު ގާއިމުކޮށް ދެއްވައި، އިންސާފުވެރި ކަމާއެކު ކަންކަން ބެލޭނެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ރައްޔިތުންގެ މެދުގައި ސަލާމަތާއި ރައްކާތެރިކަން ގާއިމުކޮށް ދެވޭނެ ނިޒާމެއް ގާއިމުކޮށް ރައްޔިތުންނަށް އުފާވެރިކަން ރައީސް ޔާމީން ގެނެސްދީފައިވާ ކަމަށް އަޒްލީން ވިދާޅުވި އެވެ.

"ޒުވާނުންނަށް ވަނީ ހަރުދަނާ އެތައް މަގެއް ކޮއްޓަވައި ދެއްވާފައި. ރާއްޖޭގެ އިގްތިސާދުގެ ތެރެއަށް ވަނީ ގިނަ ގުނަ ވިޔަފާރިވެރިންތަކެއް އުފައްދަވައި ދެއްވާފައި،" އަޒްލީން ވިދާޅުވި އެވެ.

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.---ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން ގައުމުގެ މިނިވަންކަމާއި އިސްލާމް ދީނަށް އެތައް ގޮންޖެހުންތަކެއް ކުރިމަތިވި ކަމުގައި ވިޔަސް، އެ ކަންކަން ދިފާއު ކުރެއްވުމަށް ރައީސް ޔާމީން ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޒްލީން ވިދާޅުވި ގޮތުގައި ކިތަންމެ މޮޅަށް ކިޔަވައިގެން ހުއްޓަސް، ވެރިކަން ކުރުމަށާއި ރައްޔިތުންގެ ހާލަތު ވަޒަން ކުރުމަށް އެނގިވަޑައިނުގަންނަވާ ބޭފުޅަކު ވެރިކަމަށް ގެނައުމުން އެކަމުގެ ތަޖުރިބާ ދިވެހިންނަށް ލިބުނެވެ.

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާ.---ފޮޓޯ: ރައީސް އޮފީސް

ނަމަވެސް ރައްޔިތުންނަށް މިއަދު ދިމާވެފައި ހުރި ގިނަ ގޮންޖެހުންތައް ރައީސް ޔާމީން ހައްލުކޮށް ދެއްވާފައިވާ ކަމަށް އަޒްލީން ވިދާޅުވި އެވެ.