އޮންލައިންކޮށް ވެމްކޯ އަށް ފައިސާ ދެއްކޭ ގޮތް ހަދައިފި

ކުނި އުކާލުމުގެ ފީ އޮންލައިންކޮށް ވެމްކޯ އަށް ދެއްކޭނެ ގޮތް އެ ކުންފުނިން ހަދައިފި އެވެ.


މީގެ ކުރިން ވެމްކޯގެ ބިލު ދެއްކުމަށް ދާން ޖެހެނީ އެ ތަނުގެ ހެޑް އޮފީހަށް ނުވަތަ އިންޑަސްޓްރިއަލް ވިލެޖްގައި ހުންނަ އެ ކުންްފުނީގެ ސައިޓަށެވެ.

ވެމްކޯ އިން ބުނި ގޮތުގައި އޮންލައިންކޮށް ފައިސާ ދެއްކޭނީ އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށެވެ. އެގޮތުން ވެބްސައިޓުގެ މެއިން ޕޭޖުގައި އިންނަ، އޮންލައިންކޮށް ބިލު ދައްކާ ބެނާ އަށް ގޮސް، އައިޑީ ކާޑު ނަމްބަރު ޖެހުމުން އެ މީހެއްގެ އެކައުންޓު ފެންނާނެ އެވެ.

އެކައުންޓުން ވެމްކޯ އަށް ދައްކަން ޖެހޭ ފައިސާގެ ތަފްސީލު އެނގެން ހުންނަ އިރު ބީއެމްއެލް މެދުވެރިކޮށް ފަސޭހަކަމާ އެކު ބިލްތަކަށް ފައިސާ ދެއްކޭނެ ކަމަށް ވެމްކޯ އިން ބުންޏެވެ.

ގޭގެއަށް ގޮސް ކުނި އުކާލުމުގެ ހިދުމަތް މިދިޔަ އަހަރު ވެމްކޯ އިން ފެށި ފަހުން ހުޅުމާލެ އާއި ވިލިމާލޭގައި އެ ހިދުމަތް ވަނީ ދޭން ފަށާފަ އެވެ. އަދި ގިނަ ބައެއްގެ އިތުބާރު އެ ކުންފުންޏަށް ވަނީ ލިބިފަ އެވެ.