20 ގައިދީއަކަށް ރައީސް ޔާމީން އަދަބު ލުއިކޮށް ދެއްވައިފި

އެކިއެކި ކުށްތަކުގައި ޖަލު ހުކުމް ތަންފީޒު ކުރަމުން އައި 20 ގައިދީއަކަށް ރައީސް އަބްދުﷲ ޔާމީން އަދަބު ލުއިކޮށް ގޭބަންދަށް ބަދަލުކޮށްފި އެވެ.


މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ 20 ގައިދީންނަށް ރައީސް ޔާމީން އަދަބު ލުއިކޮށް ދެއްވީ މައާފު ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން ކަމަށެވެ. އެގޮތުން އެ ގައިދީން ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއް މަސް ދުވަހަށް ގޭބަންދަށް، އެއަށްފަހު، ރަށު ބަންދަށް ދެ މަސް ދުވަހަށް، އެ މުއްދަތުގެ ތެރޭގައި ކުށެއް ކޮށްފިއްޔާ އަނބުރާ ޖަލަށް ދާން ޖެހޭނީ،" އޮފިޝަލް ވިދާޅުވި އެވެ.

ނަމަވެސް އެ ގައިދީންނާ ބެހޭ ތަފުސީލެއް މީޑިއާ އޮފިޝަލް ނުދެއްވަ އެވެ. އެނގިފައިވާ ގޮތުގައި ގޭބަންދަށް ބަދަލުކުރި ގައިދީންގެ ތެރޭގައި ހިމެނެނީ ކުދިކުދި ކުށްތަކުގައި ޖަލަށްލާފައި ތިބި ބައެކެވެ.

"ގައިދީންގެ އަދަބު ލުއިކޮށް ދިނުމާ ގުޅިގެން އިއްޔެ އެމީހުން ގޭބަންދަށް ބަދަލުކުރީ،" އޮފިޝަލް ވިދާޅުވި އެވެ.

މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން، މައާފު ކޮށްދީގެން ނުވާނެ ކުށްތަކުގެ ތެރޭގައި މީހުން މެރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމާއި ޓެރަރިޒަމްގެ ކުށްތައް ފަދަ ބޮޑެތި ކުށްތައް ހިމެނެ އެވެ. އެކަމަކު އެ ފަދަ ކުށްތަކުގައި ޖަލަށްލާފައި ތިބޭ މީހުންގެ އަދަބު ލުއިކޮށްދޭން ގާނޫނުން ހުރަހެއް ނެތެވެ.

ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ޚާއްސަ ފުރުސަތުގެ ގަވާއިދުގެ ދަށުން، ޖިނާއީ ކުށްތަކުގައި ޖަލަށް ލާފައި ތިބޭ މީހުންގެ އަޚުލާގަށް ބެލުމަށް ފަހު، އެއީ މުޖުތަމައަށް ފައިދާއެއް ހުރި މަސައްކަތެއް ކުރާ މީހަކު ނަމަ، އެމީހަކު ކޮށްފައިވާ ކުށަކަށް މައާފް ދިނުމުގެ ބާރު އެމަނިކުފާނަސް ލިބިވަޑައިގަންނަވަ އެވެ.

މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން މީގެ ކުރިން ވެސް ކުށްވެރިން ދޫކޮށްލާފައިވެ އެވެ.